ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް ހަރު ނުކުރަން އަނެއްކާވެސް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ގާއިމު ކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ބަހައްޓަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިވަގުތު ޖަހާފައިވާ ބޯޑުތައްވެސް އެ ކޭބަލް ވިއުގައިގެ މަތީގައި ހުރުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވައި ފަހުމީ ވިދާޅުވީ، އެ ކޭބަލް ވިއުގާގައި ހިމެނޭ ކޭބަލްތަކަށް ގެއްލުމެއްވެއްޖެނަމަ، އެ މަރާމާތު ކުރުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

އަދި އޭގެ ސަބަބުން، ސްޓެލްކޯއިން މާލެ އަދި ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ފަހުމީ ފާހަގަ ކުރެއްވިއެވެ.

"މިދެންނެވި އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަ ދެއްވާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވެ، މިކަންކަން ބައްލަވައި ކޭބަލް ވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އިލްތިމާސް ކުރަން. އަދި މިއީ ކޭބަލް ވިއުގައިގެ މަތީގައި އިސްތިހާރު ބޯޑު ޖެހުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރާނައަށްވެސް ނުރައްކާތެރިކަމެއް ކަމުގައި ތަކުރާރުކޮަށް ފާހަގަ ކުރަން." ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަަދިި އެޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުންގެންދާ ބައެއް ކަމަެވެ.

އެހެންކަމުން، ސްޓެލްކޯގެ މުވައްޒަަފުން މެދުނުކެނޑި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން