ތުއްތުކުދިން ގުރުއާނަށް ލޯބިޖެއްސުމަށް ހާއްސަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ، މަރްޙޫމް އިބްތިހާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަކަމަނާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިއަށް ގެންގޮސްފައި ވާތީ އެކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމު ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މި މުބާރާތުން 1ވަނަ 2ވަނަ އަދި 3ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވި މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން، ޚާއްޞަ ކެޓަގަރީއެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ހުޅުވާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން