އުތުރުތިލަފަޅު ހިއްކައިގެން ދަނޑުވެރިކަން ކުރަން ޗައިނާ ކުންފުންޏަކަށް ދިނުމަަށް އެގްރިމެންތްގައި ސޮއިކުރުން -- ފޮޓޯ/ އެސްޓީއޯ
އުތުރުތިލަފަޅު ހިއްކައިގެން ދަނޑުވެރިކަން ކުރަން ޗައިނާ ކުންފުންޏަކަށް ދިނުމަަށް އެގްރިމެންތްގައި ސޮއިކުރުން -- ފޮޓޯ/ އެސްޓީއޯ
ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރުތިލަފަޅު ހިއްކައިގެން ދަނޑުވެރިކަން ކުރުމަށް، އެސްޓީއޯއިން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އާއި ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު، ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި މިރޭ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހީމްއެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.

މި އެއްބަސްވުންވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) ޕލކ އިން ހާމަކޮށްފައިވެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް %90 އިމްޕޯޓުކުރެއެވެ. ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. ތާރީޚީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ.

އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެކެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) ޕލކ އިން ހާމަކޮށްފައިވާގޮތުން އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީޚީ ގޮތުން ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.

އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވޮލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އާއި ޗައިނާ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު ސޮއި ކުރި މިއެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި؛ ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާންސްޓްރަކްޗަރ ތަރައްގީ ކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ހެދުމާއި، އަދި ފަސިންޖަރުންނާއި މުދާ އުފުލާ ޓާމިނަލްތައް ގާއިމު ކުރުމުގެ އިތުރުން ތަރުކާރީއާއި މޭވާ އުފެއްދުމުގެ ބޭސްއެއް ގާއިމުކުރުމެވެ.

ހަމަ މި އެއްބަސްވުމުގެ ދަށުން އެގްރިކަލްޗަރަލް ޓެލެންޓް ބޭސްއެއް ގާއިމުކުރުމާއި، އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް ލޮޖިސްޓިކް ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމު ކުރުން ހިމެނެއެވެ.

މިއަހަރު އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ މި އެއްބަސްވުމުގެ މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް، އިގްތިސާދީ ތަރައްގީއަށް ދިމާވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްމަންޓް ހޯދުމެވެ. މި އެއްބަސްވުމުގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރުގަދަކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން