އިގުތިސާދު ކުރިއެރުވުމަށް މި ސަރުކާރުން އަޅަންފެށި ފިޔަވަޅުތަކާއެކު ދިވެހި ފައިސާގެ އަގު ހިފެހެއްޓި ޑޮލަރުގެ އަގު ތިރިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ ވަރަށް ބޮޑަށް ދަރާފައިކަމަށާއި، އެގޮތުން، 120 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާކަމަށެވެ.

އޭގެ އިތުރުން، ތަކުރާރުކޮށް ފައިސާ ޗާޕު ކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގުވެއްޓި، ޑޮލަރުގެ އަގު އިންތިހާއަށް އޮތީ އުފުލިފައިކަމަށާއި ހާއްސަކޮށް އިގުތިސާދު ހީނަރުވެ، ކުދި ވިޔަފާރިތައް އޮތީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައްވަނީ ބަނގުރޫޓު ވެފައިކަމަށާއި އަދި ފައިދާ ލިބެމުންދިޔަ ކުންފުނިތަކުގެ ވެސް ފައިދާ ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ވެރިކަން ފެށުންއިރު ޖުމުލަކޮށް މުޅި ގައުމުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައިކަމަށް ވިދާޅުވިއެވެ.

"ރަށްރަށުގައި ހިނގަމުންދިޔަ މަޝްރޫޢުތައްވެސް އަޅުގަނޑުމެންނާ ހަވާލުވީއިރުގަ، ކެމްޕެއިންގައި އަޅުގަނޑުކުރި ދަތުރުތަކުގައި ފާހަގަވި ހުރީ ހުއްޓިފައި، މަސައްކަތްކުރި މީހުންނަށް ފައިސާ ނުދިނުމުގެ ސަބަބުން. މިގޮތަށް ދޭންހުރި ފައިސާވެސް 9 ހާސް މިލިއަނަށް އަރައިގެންދޭ. މިހާލަތުގައި އޮތް އިގުތިސާދަކުން އަޅުގަނޑުމެންގެ މަސައްކަތް ފެށިގެން މިދިޔައީ. އިރާދަކުރެއްވއްޔާ ނަތީޖާ ރަނގަޅު މިހާތަނަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ފައިސާގެ އަގު ހިފެހެއްޓި ޑޮލަރުގެ އަގުވެސް ވަރަށް ބޮޑުތަން ދަށްވަމުންދާކަން ފެންނަން ފަށާފައިވާކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ރަނގަޅު އަސަރުކޮށް އިންވެސްޓަރުންގެ އިތުބާރު ލިބެމުންދާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރުވެސް ގިނަ ޕްރޮޕޯސަލްތަކެއް އެކި އިންވެސްޓަރުންގެ ފަރާތުން ލިބެމުންދާކަމަށް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވެސްވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އިގުތިސާދަށް އޭގެ ރަނގަޅު އަސަރު ކުރަމުންދާކަމަށް އިއްޔެ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން