ފުލުސް އޮފީހަށް ހާޒިރުކުރިއަސް ޖިނާޢީ ކުށެއްގެ ތުހުމަތު ފުލުހުން އޭނާއަަށް ނުކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު ކުރެއްވި އެކްސްއެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކުރިއަސް އޭނާ ޖިނާއީ ކުށެއް ކުރި ކަމަށް ފުލުހުން ތުހުމަތު ނުކުރާ ކަމަށެވެ. އަދި އޭނާ ހާޒިރުކުރީ މައުލޫމާތު ސާފުކުރަން ކަމަށް ފުލުހުން ބުނިކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުކޮށް ފުލުހުން ހޯދަން އެދުނު މައުލޫމާތުތަކަކީ އޮޑިޓް ރިޕޯޓުތަކުގައި ހާމަކޮށް އާންމުވެސް ކޮށްފައިވާ މައުލޫމާތުތަކެއް ކަމަށެވެެ.

ފައްޔާޒު ވިދާޅުވީ ސުވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާންމުކުރާ ވަޒީރުންގެ މާލީ ބަޔާންތަކުގައިހާމަކޮށްފައިވާ ވިޔަފާރި މުއާމަލާތަކާ ގުޅޭ މައުލޫމާތާ ގުޅިގެން ކަމަށެވެެ. އެއީ, ސެޕްޓެމްބަރު 2022, ގައި އޭނާއާ ގުޅުން އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނަކާ ގުޅިގެން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އޭނާ ފުލުހަަށް ހާޒިރުކުރުމުގެ ބޭނުމަކީ އަނިޔާވެރިކަމުގެ މަންޒަރު ދައްކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް. އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އާރުޑީސީ އަށް ލިބިފައިވާ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅުވުމަށް މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކަމަށެވެ. އަދި އެކަމުގެ ފަހަތުގައި އޮތީ ސިޔާސީ ބޭނުމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން