ބިލަށް އަރާފައިވާ ޖޫރިމާނާ މައާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތައް ދެއްކުމުން ކަމަށް ފެންކުންފުނިން ބުނެފިއެވެ.

ފެން ކުންފުނިން މިހެން ބުނެފައިވަނީ ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފު ކޮށްދޭން ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފު ކޮށްދޭން ނިންމާ އެކަން އިއުލާންކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާ ގުޅިގެން މިއަދު ފެން ކުންފުނިން ނެރުނު ބަޔާނެއްގައި، އެކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލްތަކަށް 31 ޑިސެމްބަރ 2023 ގެ ނިޔަލަށް އަރާފައިވާ ޖޫރިމާނާ މަޢާފުކޮށްދޭނެކަމަށް ބުނެފައިވެއެވެ. އަދި މިފަދައިން ޖޫރިމަނާ މަޢާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަން ޖެހޭ ޖުމްލަ ފައިސާ، 1 އޭޕްރީލް 2024 އިން ފެށިގެން 31 ޑިސެމްބަރ 2024 އާއި ދެމެދު އެއްކޮށް ދެއްކުމުން ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ޖޫރިމާނާ ނިސްބަތްވާ ބިލްތަކަށްވާ ޖުމްލަ ފައިސާ ދެއްކެވުމަށް ދަތިވާ ފަރާތްތަކުން އެކަން ފާހަގަކޮށް، އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބަހާލައިގެން އެފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދެވޭނެކަމަށްވެސް ފެންކުންފުނިން ހާމަކޮށްފައިވެއެވެ. އެ ކުންފުނިން ބުނީ މިފަދައިން ކުރާ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކަވާ ފަރާތްތަކުގެ ބިލްތަކުން ޖޫރިމާނާ މަޢާފުކޮށްދެވޭނީ، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ނިމުމުންކަމަށެވެ.

ފެންކުންފުނީގެ ބިލާ ބެހޭ މިކަންކަމުގައި ފެންކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ އީމެއިލް ކުރުމުން އެކަމުގައި އެހީތެރިކަން ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން