އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ކުޅެގެން މި ސަރުކާރަށް ލިބޭނެ ގޮނޑިއެއް ނޯންނާނެ ކަމަށް އެޕާޓީގެ ރައީސް އަބުދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހެންވޭރު ދާއިރާ ތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންގެ ތެރެއިން މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވީ ބިރު ދެއްކުމަށް ކަމަށާއި ސަރުކާރުން "ކުޅެން" އުޅުއްވަނީ ނުބައި ބޭފުޅަކާއި ކަމަށެވެ.

ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ޝާހިދު ވިދާޅުވީ އޭނާ އަކީ އަޒުމާއި ހިތްވަރުގަދަ، ކެރޭ ބޭފުޅެއް ކަމަށެވެ. އަދި ފައްޔާޒާއި ކުޅެގެން މި ސަރުކާރަށް ލިބޭނެ މަޖިލީހުގެ ގޮނޑިއެއް ނޯންނާނެ ކަމަށް ޝާހިދު ވިދާޅުވިއެެވެ.

"ތިޔަ ގޮތަށް އަޅުގަނޑުމެންގެ ޗެއާޕާސަން ފައްޔާޒަށް ބިރު ދައްކައިގެން ތިބޭފުޅުންނަށް ލިބޭނެ ގޮނޑިއެއް ނޯއްނާނެ، އިތުރަށް ގޮނޑި ގެއްލެމުންދާނީ. ބޮޑުތަނުން ބަލިވެގެންނޭ ތިދަނީ، ބޮޑުތަނުން ބައްޔޭ ތިވަނީ. ގޮތް ހުސްވީމާ ތެޅޭނެ، ތެޅޭ ވަރަކަށް ދާނީ ހުޅުނބު." ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާ ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުން ޝާހިދު ވިދާޅުވިއެެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ސަރުކާރަށް ތާއީދު ނުކުރާ މީހުން ވަޒީފާތަކުން ކަނޑަމުންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވަކި ބަޔަކީ ތިމަންނާމެންގެ ބައެއް ނޫން ކަމަށް ގަބޫލު ކުރާ ފިކުރުން ދިވެހި ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން