ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމަށް "ހިޔާވަހި ފައިނޭންސް ސްކީމް" ގެ ނަމުގައި ލޯން ސްކީމެއް ކުރިއަށް ގެންދިޔުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނާއިއެކު ހައުސިންގ މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިރޭ ބުނީ، މިކަމަށްޓަކައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢަލީ ހައިދަރުކަމަށާއި އަދި އެޗްޑީއެފްސީގެ ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޒީނާދު ކަމަށެވެ.

މިނިސްޓްރީން ބުނީ، މި ސްކީމް ކުރިއަށްދާނީ އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެމަތިން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހާއްސަކޮށްގެން ކަމަށެވެ. އަދި މި ސްކީމްގެ ދަށުން ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރެވޭނީ 5 އިންސައްތަ ޕްރޮފިޓް ނުވަތަ އިންޓަރެސްޓް ރޭޓުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ދެ ބާވަތެއްގެ ލޯނެވެ.

އެއީ، އެންމެ މަތީ އަދަދަކަށް އެއް މިލިއަން ރުފިޔާ ލިބޭގޮތަށް އަތޮޅު ތެރޭގެ ރަށްތަކަށް ހާއްސަކޮށްގެން ދޫކުރާ ލޯނާއި، އެންމެ މަތީ އަދަދަކަށް ތިން މިލިއަން ރުފިޔާ ދޫކުރާގޮތަށް، ގުރޭޓަރ މާލޭ ރީޖަން ސަރަހައްދާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް ދޫކުރާ ލޯނެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ، މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭންގައި ވެވަޑައިގެން ވައުދާއި އެއްގޮތަށް އެކަން ފުރިހަމަ ކުރުމަށް ދޫކުރަން ސަރުކާރުން ނިންމާފައިވާ ލޯން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އިތުރު ތަފުސީލުތައް ކުރިއަށްއޮތް ދުވަސްތަކުގައި އާންމުކުރަމުން ގެންދާނެކަމަށް ހައުސިންގ މިނިސްޓްރީންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން