މާލޭގެ މަގުމަތިން ހޮވި 10،000 ރުފިޔާގެ ވެރި ފަރާތް އަދިވެސް ނުހޯދޭ ކަމަށް ފުލުހުން ބުނެފި އެވެ.

ގ. ރެސްރޯން ކުރިމަތިން 10،000 ރުފިޔާ ހޮވައިގެން އެ ފައިސާގެ ވެރިއަކު ހޯދަން މީހަކު ފުލުހުންނަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި މި މަހުގެ 17 ވަނަ ދުވަހު އޭގެ ވެރިފަރާތުން އެ ފައިސާއާ ހަވާލުވުމަށް އެދި ފުލުހުން އިއުލާންވެސް ކުރިއެވެ.

ނަމަވެސް އޭގެ ފަހުން 10 ދުވަސްވީ އިރު ވެސް އެ ފައިސާއާ މީހަކު ހަވާލުނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު "ރަސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ފުލުހުން ކުރިން ވަނީ އެ ފައިސާގެ ވެރިން 9631696 ނަންބަރު ފޯނަށް ގުޅުއްވައި އެކަން ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ފައިސާއާ ހަވާލުވެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް މަގުމަތިން ހޮވައިގެން ފުލުހުންނާ ހަވާލުކުރާ ފައިސާގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފައި ވެއެވެ. ނަމަވެސް މަގު މަތިން އެހާ ގިނަ ފައިސާ ހޮވައިގެން ވެރިއަކު ހޯދުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން