ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ފިޔަވައި މާބޮޑު އެހީއެއް ނުދޭ ކަމަށާއި އެހެން ކަމުން މި ސަރުކާރުން، ބޯހަރުކަން ދޫކޮށް އަވައްޓެރިންނާ ވާހަކަ ދައްކަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ދަރަނީގެ ވާހަކަ މި ސަރުކާރުން ދެއްކި ނަމަވެސް އަސްލު ވެގެން އުޅޭ ގޮތަކީ ކުރިން ޕީޕީއެމްގެ ސަރުކާރުގައި ނަގާފައި އޮތް ދަރަނިތަކުން ސަލާމަތް ނުވެވިގެން އުޅެނީ ކަމަށެވެ.

ހަމަ އެހެންމެ އިންޑިއާއިން ނަގާފައި އޮތް ލޯނުތަކުން ބުރަ ބޮޑުވެގެން ނޫޅޭ ކަމަށާއި ނަމަވެސް ޕީޕީއެމްގެ ސަރުކާރުގައި 18 ބިލިއަނުގެ ދަރަނި އޮތީ ނަގާފައި ކަމަށް ޞާލިހު ވިދާޅުވިއެވެ.

މި ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖެ އޮތީ އިންޑިއާގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފަ އެވެ. އެހެންވެ ދަރަނީގެ މައްސަަލަ ހައްލުކުރަން ލުއި ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އަވައްޓެރިން ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ޞޯލިހުގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރައްވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެހީއާއި ލޯނާއި އަދިވެސް އެހެނިހެން ކަންކަމުގައި ސަރުކާރުން ބަރޯސާވެގެން އޮތް އަވަށްޓެރި އިންޑިއާގެ ވާހަކައެވެ.

"ބޯހަރުކަން ދޫކޮށްލާފައި މީހުންނާއި ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަ ތިބި. އެހެންނަމަވެސް ގޮތް ދޫކުރައްވާކަށް ނޫޅުއްވާ. އަދި ކިރިޔާ އެބަ ވިސްނޭހެން އަޅުގަނޑަށް ހީވަނީ. ގޮތް ދޫކުރަން، ބޯހަރުކަން ދޫކޮށްލަން ވެއްޖެކަން. އަދިވެސް ތިމަންނަމެންނަށް އެހީތެރިވާން ތިބޭނީ އަވަށްޓެރިންނާއި އަޅުގަނޑުމެންގެ އިސްލާމީ އުންމަތުގެ ގާތް ރައްޓެހިންކަން. މެދުއިރުމަތީގެ އެއްވެސް ގައުމަކުން ވެސް 50 ޓަނު ކަދުރު ނޫން އެއްޗެއް ނުލިބުނު މިހާތަނަށް އައިއިރު." ސައުދީން ދޭން ނިންމާފައިވާ ކަދުރުގެ އެހީއަށް ޢިޝާރާތް ކުރައްވައި އެކަމަށް ހަޖޫ ޖައްސަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން