ތިލަފުށިން ރާއްޖޭން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ގަނެވޭގޮތަށް ސަރުކާރުން ކުރި އިއުލާނާއި ގުޅިގެން އެކަމުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް އެމްއެންޕީގެ ނާއިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، މަލްޓިނެޝަނަލް ކުންފުނިތަކަށް ބިން 99 އަހަރަށް ދެވިދާނެކަމަށެވެ. ނަމަވެސް އެބިމުގައި ތަރައްގީ ކުރަންޖެހޭނީ އުފެއްދުންތެރި ވިޔަފާރިއެއް ކަމަށާއި މިސާލަކަށް ފެކްޓަރީއެއް، ކާބޯތަކެތި އުފައްދައި ބޭރަށް އެކްސްޕޯޓް ކުރެވޭނެ ޕްރޮޑަކްޓެއް އުފައްދަން އުޅޭ ބަޔަކަށް އެފަދަ ބިމެއް ދިނުމުގައި މައްސަލައެއް އޮތްކަމަށް ދެކިވަޑައި ނުގަންނަވާކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވީ، އެކަން ގޯސްވާނީ މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުގެ ވެރިން އެޖެންޓްކަންކުރާ ބޭރުގެ ލޮޖިސްޓިކް ކުންފުނިތަކަށް 99 އަހަރަށް އެ ބިންތައް ދޭނަމައެވެ.

ޝަރީފްގެ ޕޯސްޓްގައި ފާހަގަ ކުރައްވާފައި އެވަނީ، އެ ބިންތަކުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމުގެ މުހިންމުކަމެވެ.

ތިލަފުށި ފޭސް 2 އިން ދިވެހިންނަށް ބިން މިލްކު ކުރެވޭ ގޮތަށް އަދި ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ނެގޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޭގެ ތެރޭގައި ހިމެނެނީ 2،500 އަކަފޫޓާއި 14،999 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު