ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިންގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީއިން، ޗައިނާ ޓިޔަންގޔިންގ އިންކް، (ސީއެންޓީވައި) އާއެކު، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދެ އަހަރުގެ މުއްދަތަށް ދެމިގެންދާ މި އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ.

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް އެވެ. ސީއެންޓީވައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ޠާރިޤް ދެއްކެވި ވާހައިގައި މި މަޝްރޫޢުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާއިން ސީ.އެން.ޓީ.ވައި އިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ޤައުމީ ތަރައްޤީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާ ޚައްސާސް މަޝްރޫއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސީއެންޓީވައި އަކީ މިހާރުވެސް ރާއްޖޭގައި މިފަދަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެއް ކަމަށް މިނިސްޓަރ ޠާރިޤް ފާހަގަކުރެެއްވިއެވެ.

ސީއެންޓީވައިގެ ރައީސް ކާއޮ ޑެބިއާއޮ ވަނީ ޗައިނާއާއި ރާއްޖެއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމަށް ވިދާޅުވެފައެވެ.

މި ފަހުމުނާމާގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް ފަހުމުނާމާގެ ބައިވެރިން އެކީ މަސައްކަތްކުރުމަށް ނިންމާފައި ވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، މި ފަހުމުނާމާގައި، ސީއެންޓީވައި އިން، އެ ކުންފުނީގެ ސިނާޢީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނަރޖީ މަޝްރޫޢުގެ ފޭސް 1 އަދި 2 އަށް ޗައިނާ ޓިޔަންގޔިންގ އިންކްގެ ފަރާތުން ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ފަހުމުނާމާގައި، ތިމާވެށީގެ ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމާއި ގުޅުންހުރި ކަންކަން ރޭވުމަށް ނިންމާފައިވާ އިރު، މީހުން ތަމްރީނުކުރުމާއި، ވޯކްސޮޕް، ސެމިނަރ އަދި އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓަރންޝިޕް ފުރުޞަތުތައް ހުޅުވާލުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު