ކުޑަކުދިން ބޭނުންކޮށްގެން ކުށްތައް ކުރުވާ މައްސަލަތައް ބަލައި ދައުވާ ކުރާނެ ގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނެރެފި އެވެ.

އަށާރަ އަހަރު ނުފުރޭ ކުޑަކުދިން ބޭނުންކޮށްގެން ކުދި އަދި ބޮޑެތި ކުށްތައް ކުރުވުމަކީ މިހާރު ރާއްޖޭގައި އާންމު ކަމެކެވެ. ކުޑަކުދިން ލައްވާ މީހުން މެރުންފަދަ ކަންކަން ކުރުވާއިރު ގާނޫނުން އެފަދަ ކުޑަކުދިންނަށް ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ގޮންޖެހުންތައް ހުރެއެވެ.

ތަފާތު އެކިއެކި ކުށް ކުރުމަށްޓަކައި ކުޑަކުދިން ރެކްރޫޓްކޮށް، ނުވަތަ އެނޫން ގޮތަކަށްވެސް ބޭނުންކުރުމަކީ، އޭގެ ޒާތުގައި ކުށެއްކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާުނޫނުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އެ ބާވަތުގެ ކުށްތަކަކީ، އެކުށްތައް ތަޙްޤީޤުކުރުމާއި ދައުވާކުރުމުގައި ގޮންޖެހުންތަކެއް ހުރި ބާވަތުގެ ކުށަށްވާތީއާއި، އެކަމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ ހުރިހާ އިދާރާތަކުން އެއްގޮތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުމަށްޓަކައި، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ މައްސަލަތައް ތަޙުގީގު ކުރުމުގައާއި ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދުގެ ނަމުގައި މިހާރު އިރުޝާދެއް ނެރެފައިވާ ކަަމަށް ޕީޖީން ބުނެއެވެ.

"މިއިރުޝާދުގެ ސަބަބުން، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ އަދި ކުޑަކުދިން ގްރޫމްކޮށްގެންނާއި ރެކްރޫޓުކޮށްގެން އެކުދިން ލައްވާ ކުށްކުރުވާ މީހުންގެ މައްސަލަތައް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބަލައި ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެއެވެ. މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ތަހުގީގުގައި ބަލާނެކަންކަމާއި ދައުވާކުރުމުގައި ގެންގުޅޭ އުޞޫލުތައް، މިދާއިރާގައި މަސައްކަތްކުރާ ހުރިހާ އިދާރާތަކަށް ސާފުވެފައި އޮންނާނެއެވެ." ޕީޖީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު