އިށީންނާނެ ގޮނޑިއެއް ނެތް ވަރަށް ސިޔާސީ މަގާމުތަކަށް މީހުން ނަގަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އިފްހާމް ހުސެއިންގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން މި ސަރުކާރުން ދައްކާ ވާހަކަތަކާއި ސިޔާސީ މަަގާމުތަކަށް މީހުން އައްޔަނުކުރަމުންދާ މިންވަރާ ދިމާ ނުވާ ކަމަށެވެ.

މި ސަރުކާރުން ހަވާލުވީ ބަނގުރޫޓްވެފައި އޮތް ގައުމަކާ ކަމަށް ބުނާތީ އެކަމަށް ވެސް ރައީސް ސޯލިހު ރައްދު ދެއްވި އެވެ.

އަދި ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ކަންކަން ހިނގާފައި އޮތް ގޮތް އޮތީ ފެންނަން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެ ވާހަކަތައް ދައްކަވަން ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ތަރައްގީގެ 1700 ޕްރޮޖެކްޓް އޮތީ ހުއްޓާލައިފައި ކަމަށެވެ. އަދި އެ ފައިސާއިން ކުރަމުންދަނީ ކީއްތޯ ވެސް ސުވާލު ކުރެއްވި އެވެ.

ހަމަ އެހެންމެ 1500 އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދަވާފައިވާ ކަަމށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިއުޖެހިފައި ތިބޭކަމަށްވޭ. ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ. ގޮނޑި ނެތިގެން. އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެ ބޭފުޅުން މައުލޫމާތު ދެއްވީމާ އެނގޭނީ، 1،500އަށް ވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވަނީ އުފައްދައިފައި." ސޯލިހު ވިދާޅުވި އެވެ.

ރައީސް ސީލިހު ކެމްޕޭން ކުރެއްވުމުގައި މިފަދަ ތުހުމަތުތައް ކުރެއްވި ނަމަވެސް މިސަރުކާރުން ބުނަމުންދަނީ ރައީސް ސޯލިހު ގިނަ މަޝްރޫޢުތައް ފައްޓަވާފައި ވަނީ އެމަޝްރޫތައް ހިންގާނެ ފައިސާވެސް ނެތި ކަމަށެވެ. އަދި މިސަރުކާރާއި ބަޖެޓު ހަވާލުވިއި ވެސް ގިނަ މަޝްރޫއުތައް ހިންގާނެ ފައިސާ ބަޖެޓުގައި ވެސް ހިމަނާފައި ނުވާ ކަމަށެވެ.

ރައީސް ސޯލިހު ސަރުކާރު ހިންގެވީ ފައިސާ ޗާޕުކޮށްގެން ކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

އަދި ސަރުކާރުން ބުނަނީ ރައީސް ސޯލިހުގެ ސަރުކާރަށް ވުރެ މިސަރުކާރުގެ ސިޔާސީ މަގާމުތައް މަދުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު