މި ސަރުކާރުން ވެރިކަމަށް އައި ފަހުން ޑޮލަރުގެ އަގު ދަށްވެއްޖެ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ފިޔަވަޅުތަކަކާއެކު ޑޮލަރުގެ އަގު ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.، އަދި ދެން އަޅާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު އިތުރަށް ތިރިއަށް ދާނެ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފަ އެވެ.

ޑޮލަރުގެ އަގު ދަށްވެއްޖެ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް ރައީސް ޞާލިހު ވިދާޅުވި ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ކަޅުބާޒާރުގައި 18 ރުފިޔާއިން މަތީގައި ހުރި ޑޮލަރުގެ އަގު މިހާރު 17.30ރ. އާއި ހަމައަށް ވަނީ ތިރިވެފައެވެ.

ނަމަވެސް ރޭ އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތުގައި ރައީސް ސޯލިހު ވަނީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މި ދުވަސް ވަރު ޑޮލަރުގެ ރޭޓް 17.50 ރުފިޔާއަށް ވެއްޓިފައިވާ ކަމަށް ބުނި ނަމަވެސް ވޭތުވެދިޔަ ކޮންމެ އަހަރެއްގައި ވެސް ޑޮލަރުގެ ރޭޓް ހުންނަނީ އެ ޜޭޓްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން މިދިޔަ އަހަރުގެ މި ދުވަސްވަރަށް ބެލިއިރު ޑޮލަރުގެ ޜޭޓް ހުރީ 16.70 ލާރީގައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު މާ ފަހުރުވެރިކަމާއެކު ވާހަކަ ދައްކާއިރު ރޭޓް ހުރީ 17.50 ގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ 2022 ވަނަ އަހަރު ޑޮލަރު ރޭޓް ހުރީ 16.20 ގައި ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއީ ތޮބީއީ ގޮތުން ރާއްޖޭގެ ރެެވެނިއު އެންމެ މަތިވާ ދުވަސްތަކަށް ކަމަށް ވާތީ މިއީ މިކަން އާންމުކޮށް ވަމުން އަންނަ ގޮތް. ބޭނުންވަނީ މި ރޭޓުގައި ވީހާވެސް ދަށްކޮށް ޑޮލަރު ލިބޭގޮތަށް. މިކަން ވެއްޖިއްޔާމު ކިތަންމެ ހާވެސް ރަނގަޅު. އެހެން ނަމަވެސް ރައްޔިތުންނަށް އޮޅުވާލައިގެން މާބޮޑެތި މަސައްކަތެއް ކޮށްދީގެން ޑޮލަރު ދަށްކުރީކަމަށް ހެދީމަ ރަނގަޅެއް ނޫން. އެ ހަދަނީ ދޮގު، އޮޅުވާލަނީ." ރައީސް ސޯލިހު ވިދާޅުވި އެެވެ.



ކިޔުންތެރިންގެ ހިޔާލު