ރާއްޖެއާއި ތުރުކީ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތުގެ މަޝްވަރާތައް ފެށިގެން ކުރިއަށްދާކަމަށް އިޤުތިޞާދީި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްދެއްވާ އެކްސްގައި އިޤުތިޞާދީި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއާއި ތުރުކީ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ކުރެވޭ މަޝްވަރާތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު، ދެޤައުމުގެ ދޭތެރޭ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށްދާ މަޝްރޫއުއެއް ކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރައީސް ވަޑައިގެން ބޭރު ގައުމަކީ ތުރުކީ އެވެެ.

މިދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ތުރުކީގެ ރައީސް އުރުދުޤާންއާއި ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ދެގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވައި ތުރުކީގެ އެކި އިދާރާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގިނަ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ތުރުކީއާއި ރާއްޖެއާއި ދެމެދު ވަނީ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރައީސްގެ ތުރުކީ ދަތުރުފުޅަށްފަހު ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް މިއަހަރުގެ ތެރޭގައި ދެގުނައަށް އިތުރު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި އިޤުތިޞާދީ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން ފާހަގަ ކުރައްވާ މި އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު