އިންޑިއާއިން އައްޑޫގައި ހަދާ މަގުތަކަކީ މިހާރުން މިހާރަށްވެސް ޑިޒައިން ބަދަލުކޮށް ހަދާފައި ހުރި ހުރިހައި ކާނުތަކެއް ނަގަންޖެހޭ މަގުތަކެއްކަމަށް ބުނެ އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އައްޑޫ ސިޓީގެ މަގުތައް ހަދަނީ ފެންވަރު ދަށްކޮށްކަމަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ އައްޑޫގައި މިހާރު އިންޑިއާއިން ހިންގާ ހުރިހައި ޕްރޮޖެކްޓްތައް ކުރިއަށްދަނީ ސިޓީ ކައުންސިލްގެ އެއްވެސް ދައުރެއް ނުއޮންނަ ގޮތަށް ކަމަށާއި، އަދި ލޯނުގެ ފައިސާގެ އަދަދާއި، ލޯނުތަކުން ހަރަދުވީވަރާއި، މަސައްކަތް ނިމުނުވަރެއްވެސް އެނގެން ނެތްކަމަށެވެ. މީގެއިތުރުން އައްޑޫ ސިޓީ ގަމުގެ މަގުތައް ހެދުމަށް އެސަރަހައްދުގައި ހުރި ގަސްތައް ކަނޑާލުމަށްފަހު، މިހާރު ގަމުގެ މަސައްކަތް ކުރިއަކަށްދާތަނެއްވެސް ނުފެންނަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާ ދޯދިޔާކޮށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި މިވީތާކު ބަޔަކު މަސައްކަތެއް ނުކުރޭ" ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ މަގުތައް ހެދުމުގެ ނަމުގައި އައްޑޫގެ މަގުމަތީ ގެންގުޅޭ އެކްސްކެވޭޓަރުތަކާއި ލޮރީތަކާއި މެޝަނަރީޒް ހުސްކޮށްނުލެވުނުކަމަށެވެ. އަދި މިކަންކަމުން އައްޑޫގެ ރައްޔިތުންނަށް ލިބެމުންދާ ތަކުލީފާއި ދުއްތުރާތަކުން ސަލާމަތްކޮށްނުދެވޭ ކަމަށް ޝަރީފް ފާހަގަކުރިއެވެ.

"އައްޑު އަތޮޅަކީ ވަރަށް ސިޔާސީ ކަންކަމުގައި ފޯރިގަދަ ތަނެއް، އެކަމަކު އައްޑޫގެ ތަރައްގީގެ ކަންކަމުގައި ސަރުކާރުތަކުން ދަނީ އިހުމާލުވަމުން" ޝަރީފް އިތުރަށް ވިދާޅުވިއެވެ.



ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީގެ މަގުތައް ހަދަނީ ފެންވަރު ދަށްކޮށްކަމަށް ބުނެ ގިނަ ޝަކުވާތަކެއް އަަންނަމުންދާކަމަށާއި، އަދި އައްޑޫ ސިޓީގެ މަގުތައް ހަދާ ނިމޭއިރު ރައްޔިތުންނަށް މުސީބާތަކަށް ވުމުގެ ބިރު އޮތްކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވެސް ވަނީ ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން ފެށި އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާއެެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެެ. މަގުތައް ހަދާއިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާއިރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. މި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު