ދިވެހިބަހުގައި "ކަނބަލުން" މި ލަފުޒު ވަކިން ބޭނުން ނުކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، ދިވެހިބަހުން ވާހަކަ ދައްކާއިރު ނުވަތަ އެއްޗެއް ލިޔާއިރު ކިޔާނީ "އަނބިކަނބަލުން، ދަރިކަނބަލުން" މިގޮތަށް ކަމަށެވެ. "ކަނބަލުން" ވަކިން ނުވަތަ ވަކި ލަފުޒެއްގެ ގޮތުގައި "ކަނބަލުން" ބޭނުން ނުކުރާނެ ކަމަށެވެ.

"ޖުމްލަކޮށް އަންހެނުންނޭ ބުނަން ވެއްޖެ ނަމަ ބުނާނީ ހަމަ "އަންހެނުން" މިހެން. ކަނބަލުންނެކޭ ނުބުނާނެ" މައުމޫން ވިދާޅުވިއެވެ.



"ކަނބަލުން" އެއީ މިފަހުން ދިވެހިންގެ ތެރޭގައި އަންހެނުންނަށް ނިސްބަތްކޮށް އާއްމުކޮށް ބޭނުން ކުރާ ލަފުޒެކެވެ. އެ ލަފުޒު ބޭނުން ކުރަމުން ދަނީ "އަންހެނުން" މި ލަފުޒު ބޭނުން ކުރުމުގެ ބަދަލުގައި އިހުތިރާމު އަދާކުރުމަށް ނުވަތަ މާތް ކޮށްލުމުގެ ގޮތުންނެވެ.

ދިވެހި ބަހުގެ ރަދީފުގައި "ކަނބަލުން"ގެ މާނަ ކަމުގައި ލިޔެފައި ވަނީ "މާތް އަންހެނުން" ނެވެ. ދިވެހި ބަހުގެ ރަދީފުގައި ބުނާގޮތުން "ކަނބަލުން" މި ލަފުޒަކީ ރީތި މައް ދިވެހި ބަހެކެވެ.



ކިޔުންތެރިންގެ ހިޔާލު