ކުރިއަށް އޮތް ރައްޔިތުންގެ މަލީހުގެ އިންތިހާބަށް ވޯޓުލާ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އެހީތެރިއަކާ ނުލާ ވޯޓު ލެވޭ ގޮތް ހަދަން އިލެކްޝަންސް ކޮމިޝަންގެ ހާއްސަ ދަފްތަރެއްގައި ޖެހުމަށް ހުޅުވާލުމުން އެ ދަފްތަރުގައި 60 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެއްޖެ އެވެ.

ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ދޭ ވޯޓުލުމުގެ ފުރުސަތަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އަދި ގާނޫނަށް ގެނައި ބަދަލާއެކު އިލެކްޝަންސް ކޮމިޝަނުން ވެސް އޮތީ އެކަމަށް ތައްޔާރުވެފައި ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ އެންސްޕާއާއި އެހެނިހެން މުއައްސަސާތަކުގެ ތަފާސް ހިސާބަށް ބަލާއިރު ފެނުމުން މަހުރޫމްވެފައިވާ ގިނަ ފަރާތްތަކެއް ރާއްޖޭގައި އެބަތިބި ކަމަށެވެ.

އެހެން ނަމަވެސް ލޯފަން މީހުންނަށް އެހީތެރިއަކާ ނުލާ ހާއްސަ ޓެމްޕްލޭޓެއް ބޭނުންކޮށްގެން ވޯޓު ލުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުމުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ ފުރުސަތުގެ ބޭނުން ހިފީ ވަރަށް މަދު ބައެއް ކަމަށް ހަބީބް ވިދާޅުވި އެވެ.

އެހެންވެ އެފަހަރު ކަމާ ބެހޭ ޖަމިއްޔާތަކާ ބައްދަލުކޮށް ވާހަކަ ދެއްކުމުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރަޖިސްޓްރީއެއް ތައްޔާރުކުރަން ޖެހޭކަން ގަބޫލު ކުރެވުނު ކަމަށް ހަބީބު ވިދާޅުވިއެވެ.

"ދެން އެފަދަ ބޭފުޅުން ރަޖިސްޓްރީވީމަ ރީ ރަޖިސްޓްރޭޝަނަށް ބަދަލުވާ ކޮންމެ ތާކަށް ހަމަ އޮޓަމެޓިކުން ހަމަ އެ ބަދަލު އަންނަމުން ދާނީ. އެގޮތުން ރަޖިސްޓްރީއަށް ދެ ފަހަރެއްގެ މަތިން ހުޅުވާލައިގެން 60 އަށް ވުރެ ގިނަ ބޭފުޅުން އެބައޮތް ރަޖިސްޓްރީ ކުރައްވާފަ." ހަބީބް ވިދާޅުވި އެވެ.

އެ 60 ބޭފުޅުން ރަޖިސްޓަރ ވީ ތަންތަނުގައި ތިބޭ އޮފިޝަލުންނަށް މިހާރު ތަމްރީންދީ ނިންމާފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު