ރާއްޖެއާއި އިންޑިއާއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވާތީ އެކަމަށްޓަކައި އިންޑިއާކިބައިން ދިވެހީންގެ ފަރާތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފިއެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރާއި ގުޅޭގޮތުން ސަރުކާރުގެ ބައެއް ވެރީން ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދި ގުޅުމަށް އަސަރުކޮށްފައިވާކަމަށެވެ. އަދި އެކަން ކުރީ ސަރުކާރުގެ ވަރަށް އާދައިގެ ތިން މުވައްޒަފުން ކަމަށާއި އެމީހުން މިހާރު މަގާމުން ދުރުކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ހަމަ އެގޮތަށް އިންޑިއާގެ ނުފޫޒު ގަދަ ބައެއް ބޭފުޅުން ދިވެހި ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކޮށްފައިވާ ކަމަށާއި އެހެންއެކަން ދިމާވިނަމަވެސް، އިންޑިއާގެ ފަތުރުވެރިންގެ މަންޒިލަކަށް ރާއްޖެ ހެދުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

އެހެންކަމުން އެފަދަ އެކި ސަބަބުތަކާހުރެ ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވާތީ ދިވެހި ރައްޔިތުންގެ ފަރާތުން އިންޑިއާ ކިބައިން މައާފަށް އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ ރައްޔިތުން ރާއްޖެ އައުމަކީ ދިވެހީން ބޭނުންވާ ގޮތްކަމަށާއި ދިވެހީންގެ މެހުމާންދާރީ އަބަދުވެސް ލިބޭނެކަމަށެވެ.

އިންޑިއާއާއި ރާއްޖެއާއިދެމެދު ނުތަނަވަސްކަން އުފެދުނީ، އިންޑިއާގެ ބެލުމުގެ ދަށުގައި އޮންނަ ލަކްޝަދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު މޯދީ ކުޅުއްވި ވީޑިއޯއަކަށް ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ފާޑުވިދާޅުވުމާއި ގުޅިގެނެވެ. އޭގެ ނަތީޖާއެއްގެގޮތުން އިންޑިއާގެ ބައެއް ފަރާތްތަކުންވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ކެމްޕޭނެއް ވެސް ހިންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު