ރާއްޖެ އެތެރެކުރާ ޒަމްޒަމް ފެނުން ޑިއުޓީ ނަގާފައި ބިއަރުފަދަ ތަކެތިން ޑިއުޓީ ނުނަގާކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ސްކްރީން ޝޮޓްތަކަކީ ހަގީގަތް އޮޅޭގޮތަށް ފަތުރަމުންދާ ސްކްރީން ޝޮޓްތަކެއްކަމަށް ރާއްޖޭގެ ކަސްޓަމުން ބުނެފިއެވެ.

ރާއްޖެ އެތެރެކުރާ ޒަމްޒަމް ފެނުން 15 ރުފިޔާގެ ޑިއުޓީއެއް ނަގާކަމަށާއި އަދި ބިއަރުން އެއްވެސް ޑިއުޓީއެއް ނުނަގާކަމަށް ފެންނަގޮތަށް ނަގާފައިވާ، ކަސްޓަމްސްގެ ވެބްސައިޓްގެ ސްކްރީން ޝޮޓްތަކެއް މިއަދު ވަނީ އާންމުވެފައެވެ.

އަދި އެ ޕޯސްޓްތަކާއި ގުޅިގެން މީސްމީޑިއާގައި ގިނަބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔާ އެކަން ކުށްވެރި ކުރަމުންނެވެ. އަދި ޒަމްޒަމް ފެންފަދަ މާތް ފެނަކުން ޑިއުޓީ ނަގަނީ ކީއްކުރަންތޯ ސުވާލު އުފައްދާފައި ވެއެވެ.

އެއާއި ގުޅިގެން ކަސްޓަމްސްއިން މިއަދު ބުނީ، ބިއަރަކީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީ ނެގޭ ބާވަތެއް ކަމަށެވެ. އަދި ދައުރުވަމުންދާ ސްކްރީންޝޮޓަކީ ކަސްޓަމްސް ވެބްސައިޓް ސަރޗް ރިޒަލްޓްގެ އެއްބައި އަރާގޮތަށް ނަގައި، ބޭނުންކޮށްފައިވާ ފޮޓޯއެއް ކަމަށާއި އެއީ ގަސްތުގައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް ކޮށްފައިވާ އަމަލެއް ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.

ކަސްޓަމްސް އިން ބުނީ، އިމްޕޯޓްކުރެވޭ މުދަލުގެ ޑިއުޓިރޭޓް ކަނޑަޅަނީ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލިހުން ކަމަށެވެ. އަދި ކަސްޓަމްސް ވެބްސައިޓްގައި އާންމުކޮށްފައިވާ ޑިއުޓީ ރޭޓްތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންއަރާގޮތަށް ސޯޝަލް މީޑިޔާފަދަ މަންސަތަކުގައި ހިއްސާ ނުކުރުމަށް ކަސްޓަމުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު