ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަތުގައި ހަތިޔާރު ހުރިތޯ ނޫންތޯ ބެލުން މުހިންމު ނޫން ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، މިހާތަނަށް ހޯދުނު މައުލޫމާތު ތަކުން ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަ ތިބި ކަން ހާމަވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ހަތިޔާރާއެކުތޯ ނުވަތަ ނޫންތޯ އެއީ މުހިއްމު ކަމެއް ނޫން ކަމަށް ފިރުޒުލް ވިދާޅުވިއެެވެ. ދިވެހި ސަރުކާރުގެ ހަމައެކަނި ކަންބޮޑުވުމަކީ އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ތިބުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް ދިވެހި ރައްޔިތުން ބޭނުންނުވާކަމަށެވެ. އަދި ރައްޔިތުންގެ އެ ނިންމުމާ އެއްގޮތަށް އެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ރައީސް މިހާރު ފަށްޓަވައިގެން ކުރިއަށް ގެންދަވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"އެކަން ނިމުމަކަށް ގެންނަން ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން ކުރާނެ." ފިރުޒުލް ވިދާޅުވި އެވެ.

ސަރުކާރުން މިއަދު ހާމަކުރި މައުލޫމާތު ތަކުން އެނގޭގޮތުގައި ރާއްޖޭގައި ތިބި 77 އިންޑިޔާ ސިފައިންގެ ތެރޭގައި ހިމެނެނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބެލެހެއްޓުމަށް ތިބި 24 ސިފައިންނާއި، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ތިބި 25 ސިފައިންނާއި، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ދުއްވުމަށް ތިބި 26 ސިފައިންގެ އިތުރުން އެ އުޅަނދުތަކުގެ މެއިންޓެނަންސާއި އިންޖީނިއަރިން މަސައްކަތްތައް ކުރަން ތިބި ދެ ސިފައިންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދަން އެގައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން