ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް ޣައްސާނު މައުމޫން އައްޔަންކުރުމުން ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓަށް ރޭ ވަނީ ބޭފުޅުން އައްޔަން ކުރައްވާފައެެވެ. އެގޮތުން ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޒީރުކަމުގެ މަގާމުކަމުގައިވާ ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން މުހައްމަދު ގައްސާން މައުމޫންއެވެ. ގައްސާނު ޑިފެންސް މިނިސްޓަރު ކަމަށް ހަމަޖެއްސުމުން މައުމޫންވަނީ ސޯޝަލް މީޑިއާގައި ޑރ. މުއިއްޒުއަށް ޝުކުރު އަދާކުރައްވައި ގައްސާނަށް މަރުހަބާ ވިދާޅުވެފައެވެެ.

މައުމޫން ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގައްސާން އިތުބާރާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެެ.

ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެން ޣައްސާން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑިފެންސް މިނިސްޓަރު ކަމުގެ މަސްޢޫލިއްޔަތަކީ ބުރަ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް އިހުލާސްތެރިކަމާއި އެކު މަޤާމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާނެ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ކަމަށް ހަމަޖެއްސި ޣައްސާން މައުމޫން ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ބަޔޮމެޑިކަލް ސައިންސް ރިސާޗްގެ ދާއިރާއިންނާ، މޮލެކިއުލާ ބަޔޮލޮޖީގެ ދާއިރާއިން، މަތީ ތަޢުލީމް ޙާޞިލްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އިމްޕްލިމޭޝަން ޑިޕާޓްމެންޓް އެމަނިކުފާނު ވަނީ ހިންގަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމާއި، ޒުވާނުންނާ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންވެސް ޣަައްސާނު ކުރެއްވިއެވެ. ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރިިއިރު ޣައްސާން މިހާތަނަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކޮޅުމަޑުލު، ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ މަގާމުގައެވެ.

ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި ޣައްސާނަކީ ކުރީގެ ރައީސް ޔާމިންގެ އެންމެ އަރިސް ވަފާތެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން