ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓު މިރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީއްޔާތުގައި މި މަގު ޗާޓު އިފްތިތާޙް ކޮށްދެއްވީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އިންތިހާބީ ރައީސްގެ އޮފީހުން ބުނީ "ހަފްތާ 14" ނުވަތަ މުޢިއްޒު ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރިއަށް ގެންދަވާނެ ކަންކަން ހިމެނޭ މި މަގު ޗާޓުގައި 161 ވަޢުދެއް ހިމެނޭ ކަމަށެވެ. އެގޮތުން މި މަގުޗާޓުގައި ވަޢުދުތައް ބަހާލާފައިވަނީ 8 ދާއިރާއަކަށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނީ މީގެ ތެރޭގައި އިންތިހާބީ ރައީސްގެ ބޮޑެތި ވަޢުދުތައް ފުއްދުމަށް މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލުމުގެ މަސައްކަތާއި، ރާއްޖެއާއި އެކު ހެދިފައިވާ އެއްބަސްވުންތަކުގައި ހުރި، ގެއްލުންވާ ކަންކަން ބަދަލު ކުރުމުގެ އިތުރުން ދެކުނުގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދަން މައްސަލަ އިސްތިޢުނާފު ކުރުމަށްވެސް ފުރަތަމަ 14 ހަފްތާގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދީނާއި، ބޯހިޔަވާހިކަމާއި، ސިއްޙީ ދައިރާއި އަދި ޒުވާނުންނާއި ކުޅިވަރަށް، ބޭނުންވާ ގިނަ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ފެށުމަށް އެ މަގު ޗާޓުގައި ހިމަނާފައިވެއެވެ.

އެގޮތުން ބޯހިޔާވަހިކަމަށް ހާއްސަ ޕޯޓަލެއް ޤާއިމް ކުރުމާއި، މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ ޙަރަދު 3 ގުނަ އިތުރު ކުރުމަށް އެމަގު ޗާޓްގައި ހިމަނާފައިވެއެެވެ.

އަދި ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ފެށުމާއި، އައްޑޫ ބްރިޖު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ފެށުމުގެ އިތުރުން، ވެލާނާ އެއާޕޯޓް ޕްރޮޖެކްޓް ނިންމަން ސިޔާސަތައް ގެންނަން ޖެހޭ ބަދަލުތައް ތަންފީޒު ކުރަން ފަށާނެ ކަމަށް މަގު ޗާޓްގައިވެއެވެ.

ޑރ. މުޢިއްޒުގެ ފުރަތަމަ 14 ހަފްތާގެ ތެރެއިން މިއަހަރަށް ބޭނުންވާ ފައިސާ ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ތެރޭގައި މިހާރު ވަނީ ހިމަނާފައެވެެ. އެގޮތުން ފުރަތަމަ ސަޕްލިމެންޓަރީ ބަޖެޓުގައި މިއަހަރުގެ ކަންކަމަށް 200 މިލިއަން ރުފިޔާ އިންތިހާބީ ރައީސްގެ އެދިވަޑަައިތުމަށް ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އައްޑާ

16-Nov-2023

161 ވާނީ ކިހިނެތް? އެބަހުރި ރިޕީޓްކޮށް އެކައްޗެއް ލިޔެފައި. ރަގަޅަށް އެޑިޓްނުކޮށްޓްރެންޑިން