ކެެނެޑާ ބިމުގައި ހިންގި ސިކް ދީނުގެ އެކްޓިވިސްޓް ހަރްދީޕް ސިންގް ނައިޖަރްގެ ގަތުލުއާމަކީ އިންޑިއާ ސަރުކާރުގެ އެޖެންޓުން ރާވައިގެން ހިންގި ކަމެއް ކަމުގައި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތުކުރަށްވައިފިއެވެ.

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އިންޑިއާއިން މިކަމުގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.

ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އިންޑިއާ ސަރުކާރުގެ އެޖެންޓުންނާއި މިއަހަރުގެ ކުރީކޮޅު ސިކުންގެ މަޝްހޫރު އެކްޓިވިސްޓަކު މަރާލި މައްސަލައާ ދެމެދު "ގުޅުން އޮވެދާނެ ކަމަށް ގަބޫލުކުރެވޭ ތުހުމަތުތަކެއް" ކެނެޑާގެ ސަލާމަތީ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ހަރްދީޕްއަކީ ކެނެޑާގެ ރައްޔިތުކަން ހޯދާފައިވާ އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އިންޑިއާއިން ވަނީ ކެނެޑާގެ މި ތުހުމަތަކީ ބުހުތާނު ދޮގެއް ކަމަށް ބުނެފައެވެ.

ހޯމަ ދުވަހުގެ މެންދުރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖަސްޓިން ޓްރޫޑޯ ވިދާޅުވީ މި މަހުގެ ކުރީކޮޅު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ގްރޫޕް އޮފް 20 ސަމިޓުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް މިކަމާއި ގުޅުންހުރި "ކަންބޮޑުވުންތަކެއް" ހިއްސާ ކުރެއްވި ކަމަށެވެ.

ކެނެޑާގެ ހުޅަނގު ޕްރޮވިންސް ބްރިޓިޝް-ކޮލަމްބިއާގެ ސިޓީއެއް ކަމަށްވާ ސަރީގެ ސިކުންގެ ފައްޅިއެއްގެ ބޭރުގައި ޖޫން މަހުގެ 18 ވަނަ ދުވަހު ހަރުދީޕް ސިންގް ނައިޖަރުގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފައެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު މެލާނީ ޖޯލީ ހޯމަ ދުވަހުގެ ފަހުން ވިދާޅުވީ އެ ތުހުމަތުތަކާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓެއް ކަމަށްވާ އިންޑިއާގެ އެކްސްޓާނަލް އިންޓެލިޖެންސް އެޖެންސީ ރޯގެ އޮފިޝަލަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކާކު ކަމެއް މެލާނީ ހާމަ ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު