ހަކުރަކީ ގިނަ ބަލިތަކަށް މީހާ ހުށަހަޅައި، ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ގެއްލުންދެނިވި އެއްޗެކެވެ. އަދި ހަކުރު އެކުލެވޭ އެކިއެކި ބުއިންތަކާއި ފޮނި ކާތަކެއްޗަކީ އާދަވެގެން ކާންފަށައިފިނަމަ، އެކެއުމަށް ދެވިހިފާތަކެއްޗެވެ. ގިނައިން ހަކުރު އެކުލެވޭ މިފަދަ ކެއިންބުއިންތައް ބޭނުންކުރުން އާދައަކަށް ވެއްޖެނަމަ، މީގެ ސަބަބުން މީހާ ފަލަވެ، ހިތުގެ ބައްޔާއި ފުރަމޭގެ މައްސަލަތަކާއި ހަކުރުބަލިފަދަ ބަލިތައް ކުރިމަތިވެއެވެ.

އެހެންކަމުން ކެއިންމުއިމުގައި ހިމެނޭ މިފަދަ ނޭދެވޭ އާދަތައް ދޫކޮށް، ހަކުރު ބޭނުންކުރުމުގައި ފަރުވާތެރި ވުމަކީ މުހިންމު ކަމެކެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަން އިން ބުނާގޮތުގައި ދުވާލެއްގެ މައްޗަށް ފިރިހެނަކު ބޭނުން ކުރަންވާނީ 9 ސައިސަމްސަލުގެ ހަކުރެވެ. އެއީ 150 ކެލޮރީއެވެ. އަދި އަންހެނަކަށް ބޭނުންވަނީ 100 ކެލޮރީއަށްވާ 6 ސައިސަމްސަލުގެ ހަކުރެވެ. އެހެންނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި އާއްމުކޮށް މީހުން މީގެ ތިންގުނަ ހަކުރު ކެއުމުގައި ބޭނުން ކުރެއެވެ. އެހެންކަމަށްވާނަމަ މީހަކަށް އެބޭނުން ކުރެވެނީ ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 19.5 ސައިސަމްސަލުގެ ހަކުރެވެ. މިއީ ނިސްބަތުން ވަރަށް ގިނަ މިންވަރެކެވެ. މީގެ މައިގަނޑު ސަބަބަކީ ކާކޮންމެ ފަހަރަކު ސައި ބުއިމާއި ފޮނި ކާތެއްޗާއި ދަޅާއި ޕެކެޓުގައި ބަންދުކޮށްފައި ހުންނަ އެކި ފޮނި ބާވަތްތައް ބޭނުންކުރުމެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުގައި ކެއުމުގައި ހަކުރު ބޭނުންނުކުރިނަމަވެސް، ފައިދާހުރި ކާނާ ކެއުމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހަކުރު ލިއްބައިދޭނެއެވެ. އެގޮތުން ތަރުކާރީއާއި މޭވާ އަދި ކިރުގެ ބާވަތްތަކުގައި ގުދުރަތީގޮތުން ހިމެނޭ ހަކުރުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭނެތީއެވެ.

ދުޅަހެޔޮ ޞިއްޙަތަކަށްޓަކައި މިފަދަ އާދަތައް ދޫކުރުމަށް މަސައްކަތް ކުރާމީހުންވެސް މިހާރަކަށް އައިސް ވަނީ ގިނަވަމުންނެވެ. މިއީ ވަރަށްވެސް ރަނގަޅު ފާލެކެވެ. ހަކުރު އެކުލޭވޭ ބާވަތްތަކާއި އަދި އެއްގޮތަކަށްވެސް ކެއުމުގައި ހަކުރު ބޭނުން ނުކުރުމަށް ބައެއްމީހުން މަސައްކަތް ކުރަމުންދަނީ ޖޯޝާއި ފޯރީގައި ކޮމްޕެޓިޝަނެއްގެ ގޮތުގައެވެ. އެގޮތުން ބައެއްމީހުންދަނީ 'ނޯ ޝުގަރ' ޗެލެންޖު ނަމުގައި ކެއިންބުއިމުގައި ހަކުރު އެއްކޮށް އުނިކޮށްލާ ވަކި ދުވަސްތަކެއް ކަނޑައަޅައި ޑައެޓް ކުރަމުންނެވެ. މިފަދަ ޗެލެންޖެއް 30 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވިޖެނަމަ ހަޑިގަނޑަށް ވަރަށް ބޮޑު ލުއެއް ލިބި ޞިއްޙީ އެތައް ފައިދާއެއް ލިބިގެންދެއެވެ.

"ނޯ ޝުގަރ ޗެލެންޖް" 30 ދުވަހަށް ކުރިއަށް ގެންދެވިޖެނަމަ ލިބޭ ފައިދާ1. ހަކުރު ލެވަލް ރަނގަޅުވުން؛

އިންސުލިން ލެވަލް ނުވަތަ ހަށިގަނޑުގައި ހަކުރު ހިމެނޭ މިންވަރު ދަށްކޮށްލައި އާއްމު މިންވަރަށް ހަކުރު ހިފެހެއްޓުމަށް އެންމެ މުހިއްމު ކަމަކީ ހަށިގަނޑަށް އެތެރެވާ ހަކުރު މަދުކޮށްލުމެވެ. އާއްމުކޮށް ދަޅާއި ފުޅިފަދަ ގިނައިން ހަކުރު އެކުލެވޭ ބާވަތްތައް ބޭނުން ކުރެވޭނަމަ ހަކުރު ބަލި ޖެހުމަށް މެދުވެރިވެއެވެ. އެހެންކަމުން ހާށިގަނޑަށް ގެއްލުން ހުރި މިބާވަތްތައް ކެއުމުން އުނިކޮށްލުމުން 30 ދުވަހުގެ ޗެލެންޖުގެ ތެރޭގައި ހަށިގަނޑުގެ ބްލަޑް ޝުގަރ ލެވަލް ނުވަތަ ހަކުރުގެ މިންވަރު ރަނގަޅު ކުރެވިދާނެއެވެ.

2. ބަރުދަން ލުއިވުމަށް އެހީތެރިވުން؛

30 ދުވަހުގެ ހަކުރު ނުކާ ޗެލެންޖުގެ ސަބަބުން ބަރުދަން ލުއިވެގެންދާނެއެވެ. ހަކުރަކީ ޢާއްމުކޮށް ބަނޑުލާ ސަބަބު ކަމަށްވާ ހަށިގަނޑުގެ ގުނަވަންތަކުގެ ވަށައިގެން ހަރުލާފައި ހުންނަ ދުއްވާލަން އުނދަގޫ ސަރުބީ އިތުރުކުރާ އެއްޗެކެވެ. އެހެންކަމުން ކެއުމުން ހަކުރު އުނިކޮށްލައި ޕްރޮޓީން އާއި ފައިބަރ ގިނައިން އެކުލެވޭ ޑައިޓެއް މިދުވަސްތަކުގައި ކެއުމުގައި ހިމަނާލުމުން ބަރުދަން ލުއި ކުރުމަށް އެހީތެރިވެގެންދާނެއެވެ. މީގެ އިތުރުން ކޮންމެވެސް ކަހަލަ ކަސްރަތެއް ހިމަނާ ލުމަކީވެސް ހަކުރު ނުކާ ޗެލެންޖުގައި ކުރެވިދާނެ ކަމެކެވެ.

3. ދަތުގެ ޞިއްޙަތު؛

ހަކުރު ހިމެނޭ ކާނާތަކާއި ބުއިންތަކުގެ ސަބަބުން ހިރުގަނޑުގެ ބަލިތަކާއި ދަތް ފަނިކެއުމަށް މެދުވެރިވެއެވެ. ހަކުރު ހިމެނޭ ބާވަތްތައް ކެއުމުން އަނގައިގައި ހުންނަ ކާތަކެތި ފުޑުކޮށް ވަކި ކުރުމުގެ މަރުހަލާގެ ތެރެއިން އަނގައިގެ ބެކްޓީރިއާއާއި އެކުވެ ދަތްތައް ހަލާކުވާފަދަ އެސިޑްއެއް އުފެދެއެވެ. އެހެންކަމުން ހަކުރު އުނިކޮށްލާ މިޗެލެންޖުގެ ތެރެއިން ދަތުގެ އާއްމު ޞިއްހަތަށްވެސް ފައިދާކުރާނެއެވެ.

4. ހިތުގެ ދުޅަހެޔޮކަން؛

ގިނައިން ހަކުރު ހިމެނޭ ކާނާ ކެއުމުގެ އާދަ ހިފިފައި ހުންނަ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ޗާންސު ބޮޑެވެ. އަދި ލޭގެ ޕްރެޝަރު އިތުރުވުމާއި ކޮލެސްޓްރޯލް ގިނަވުމާއި ހިތް ހުއްޓުމަށް މިކަމުގެ ސަބަބުން މަގުފަހި ކުރުވައެވެ. އެހެން ކަމުން ހަކުރު އުނިކުރުމުން ދުޅަހެޔޮ ޞިއްހަތަކަށް ވާސިލް ވުމަށް އެހީތެރިވެދޭނެއެވެ.ނޯޓު: މިލިޔުމުގައި ހިމަނާފައި މިވަނީ އާއްމު މައުލޫމާތު ތަކެކެވެ. އެކި ޞިއްޙީ ހާލަތުތައް ތަޙައްމަލު ކުރާ މީހުން މިޑައިޓް ކުރުމުގެ ކުދިން ޑޮކްޓަރުގެ ލަފާއާއި އިރުޝާދު ހޯދަންވާނެއެވެ. އަދި އާއްމުކޮށް ޞިއްހަތު ރަނގަޅު މީހުންވެސް ޑައިޓެއް ކުރަން ފެށުމުގެ ކުރިން ޑައިޓިޝަނެއް ނުވަތަ ޑޮކްޓަރެއްގެ ލަފާހޯދުމަކީ މުހިންމު ކަމެކެވެ. 'ނޯ ޝުގަރ' ޗެލެންޖުގައި ހަކުރު އުނި ކުރުމާއިއެކު ރަނގަޅު ކާނާ ކެއުމުގައި ހިމެނުމަކީވެސް ނުހަނު މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން