image ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު   8 ޖުލައި 2020 - 15:6
ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރާން މަސައްކަތްކުރަމުން އަންނަތާ ވީ އެންމެ ދިހަރެއް ނޫނެވެ. މި މަސައްކަތުގައި "އެވެރީން" ޚަރަދުކޮށް ޙަރަކާތްތެރިވާތާ އެތައް ދިހަރެއް ވެއްޖެއެވެ. ބައި ޤަރުނަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެއެވެ. "އެވެރީން" މި މަސައްކަތް ކުރަނީ އެކި ދުވަސްވަރު އެކި މިންވަރަށެވެ. މިހާރު މިވަނީ އެ މަސައްކަތް މެކުހަށްޖަހައިފައެވެ. ބާޠިލަކީ ޙައްޤުކަމަށް ދަޢުވާކޮށް އަޅުވެތިކަމަކީ މިނިވަންކަންކަމަށް ދައްކައިގެންނެވެ. ހަރުކަށި ފިކުރޭ އަޅުގަނޑު މި ދަންނަވަނީ އިސްލާމް ދީނުގެ ސަމާޙަތާއި އަމާންކަމާއި ޙައްޤުތަކާ އިދިކޮޅު ފިކުރަށެވެ. އިންސާނީ ޠަބީޢަތާ ޚިލާފު މުންކަރާތްކަކީ "ޙައްޤު"ކަމަށް ބުނެ ބާޠިލާއި ޖާހިލިއްޔަތު ކުރިއަރުވާން މަސައްކަތްކުރާ އިބިލީހުގެ ފިކުރަށެވެ.

މުޅި ކާއިނާތުގެ ވެރި ރައްބަކީ ޙައްޤުވަންތަ ރަޙުމާނުވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެ ނޫން ފަރާތަކަށް އަޅުކަން ކުރުމަކީ ބާޠިލު ކަމެކެވެ. އެކަލާނގެ އިންސާނާއަށް އަމުރުކުރައްވައިފައިވާނީ ޙައްޤަށެވެ. ބާޠިލު ކަންކަމަކީ މުންކަރާތްތަކެވެ. އެއީ ބޮޑާކަމާއި ހަރުކަށިކަމެވެ. އިބިލީހުގެ މަގެވެ.

ޙައްޤާއި ބާޠިލު ކަނޑައެޅުއްވުމުގެ ހުރިހާ ބާރުވެރިކަމެއް މިލްކުވެވޮޑިގެންވަނީ ޙައްޤުވަންތަ މާތް ﷲއަށެވެ. މުންކަރާތްކަމަށް އެ ކަލާނގެ ކަނޑައަޅުއްވައިފައިވާ ބާޠިލުކަންކަމަށް ޙައްގޭ، މިނިވަންކަމޭ ކިޔުމަށްވުރެ ބޮޑު ހަރުކަށި ފިކުރެއް މި ވުޖޫދުގައެއް ނުވެއެވެ. ވީމާ، އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި އެތައް ސަތޭކަ އަހަރެއް ވަންދެން ދެމި ތިބި، މަޑުމައިތިރި މުސްލިމު ރައްޔިތެއް ދިރިއުޅޭ އަމާން ގައުމެއްގައި މިފަދަ ހަރުކަށި ފިކުރަކަށް ގޮވައިލުމުގެ ފުރުޞަތު ދެވިގެން ނުވާނެއެވެ. ޙައްޤުވަންތަ ﷲއަށް ފިޔަވައި އެހެން ފަރާތަކަށް އަޅުވެތި ނުވެ ތިބި މިނިވަން ބަޔެއްގެ ތެރޭގައި ހަވާނަފުސުގެ އަޅުވެތިކަމަށް ގޮވައިލެވޭ ހަރުކަށި ފިކުރަށް ފުރުޞަތު ދެވިގެންނުވާނެއެވެ. ނަމަވެސް މިދެންނެވި ހަރުކަށި ބާޠިލު ފިކުރަށް ގޮވައިލުމުގެ ފުރުޞަތު މަޑުމަޑުން އެކަމަކު ހަމަކަށަވަރުން އަންނަނީ ފަހިވަމުން ފަހިކުރަމުންނެވެ.

އިސްލާމް ދީނާ ބީރައްޓެހި، ޣައިރު މުސްލިމުންގެ އާދަކާދަތަކާއި މުންކަރާތްތަކަށް ވާކާލާތުކުރުމަށް މިހާތަނަށް އަޅުގަނޑުމެން ކިޔައި އުޅުނީ ލާދީނީ ފިކުރޭ އެވެ. ނަމަވެސް ލާދީނީ ފިކުރަށް "މިނިވަން ފިކުރު"ގެ ނަން ދީފައި އެވަނީ ގަސްތުގައެވެ. ރޭވިގެންނެވެ. އެއީ "ލާދީނީ" މި ލަފުޒުން ރައްޔިތުންނަށް އަސަރު ކުރާލެއް ބޮޑުކަމުންނެވެ. މިއީ ސެކިޔުލާރ ވިސްނުމުގެ ދަށުން ރޭވުންތެރިކަމާއެކު ތަޢާރަފު ކުރެވުނު ނަމެކެވެ. ނަމަވެސް އެއީ ހަމަ ލާދީނީ ބާޠިލު ފިކުރެވެ.

މިނިވަންކަމަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާ ކަމެކެވެ. މިއީ އިންސާނާގެ އަދި އެންމެހާ މަޚުލޫޤުންގެ ޠަބީޢަތުގައިވާ ސިފައެކެވެ. އެހެންކަމުން "މިނިވަން" މި ނަން ބޭނުންކޮށްގެން ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލަނީއެވެ. ރައްޔިތުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން އެބަޖެހެއެވެ.

ލާދީނީ ފިކުރަކީ ހަގީގަތުގައި މިނިވަން ފިކުރެއް ނޫނެވެ. ހަގީގީ މިނިވަން ފިކުރަނީ ތިމާ ހައްދަވައި ބޮޑުކުރެއްވި އެއްކައުވަންތަ ޚާލިޤު، ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތި ނުވުމުގެ ފިކުރެވެ. އިސްލާމީ ފިކުރަކީ މިއީއެވެ. މުސްލިމުންނަކީ ހަވާނަފުސުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އެއީ ހަމައެކަނި ﷲ ގެ އަޅުންނެވެ. އިންސާނުން އުޅޭންވީ ގޮތުގެ ހުރިހާ އުޞޫލުތަކެއް އިސްލާމް ދީނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބަޔާންކުރައްވައިފައެވެ. އެ އުޞޫލުގައި އެއްވެސް މަޚުލޫޤަކަށް އަޅުވެތިވުމެއް ނުވެއެވެ. އަދި ޚުދު ތިމާގެ ހަވާ ނަފުސަށް ވެސް އަޅުވެތި ވުމެއްނުވެއެވެ. ޝައިޠާނާގެ ގޮވައިލުންތަކަށް އިޖާބަދީ އެ ކަލޭގެއަށް އަޅުވެތިވުމެއް ނުވެއެވެ. މިނިވަން ފިކުރަކީ މިއީ އެވެ. ނަމަވެސް ޙަގީގީ އަޅުވެތިކަމުގެ ފިކުރަށް "މިނިވަން" ފިކުރޭ ކިޔަނީ ޣައިރު މުސްލިމުންނެވެ. އެ ފިކުރަކީ ޝައިޠާނާއަށް އަޅުވެތިވެފައިވާ ފިކުރެވެ. ތިމާގެ ހަމާ ނަފުސަށް އަޅުވެތިވުމުގެ ފިކުރެވެ. އެއްވެސް ޙާލެއްގައި އެއީ މިނިވަން ފިކުރެއް ނޫނެވެ. އެއީ ހަރުކަށި ފިކުރެވެ.

ހުރިހާ މިނިވަންކަމަކާއި ޙައްޤުތައް ކަށަވަރުކޮށްދީފައިވަނީ އިސްލާމް ދީނުގައެވެ. އިންސާނީ ފިޠުރަތާ ޚިލާފު ކަންކަމަށާއި ތިމާގެ ހަވާ ނަފުސަށް އަޅުވެތި ނުވެ އެކަންކަމުން މިނިވަންވެ ތިބެ ﷲ އަށް އެކަނި އަޅުކަންކުރުމަށް ގޮވައިލަނީ އިސްލާމް ދީނެވެ. ކުޑަކުދީންނާއި މުސްކުޅީންނާއި އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނީ އިސްލާމްދީނެވެ.

ލާދީނީ ފިކުރަކީ ތިމާގެ ހަމާ ނަފުސު ގޮވައިލާ، ޝައިޠާނާގެ ވަސްވާސްތަކަށް އަޅުވެތިވެފައިވާ ފިކުރެކެވެ. ވީމާ މި ފިކުރަށް "މިނިވަން" ފިކުރޭ ކިޔަން ހެޔޮ ވާނެތޯއެވެ! އިސްލާމީ އުޞޫލުތަކާ ޚިލާފު ލާދީނީ ފިކުރުތަކަކީ ﷲގެ ދީނާ ޚިލާފު ލާދީނީ ފިކުރެވެ. އެއީ އެއްވެސް ޙާލެއްގައި މިނިވަން ފިކުރެއް ނޫނެވެ. އެއީ އަޅުވެތި ފިކުރެވެ. ނަމަވެސް މި ދެންނެވި ބާޠިލު ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމަށްޓަކައި މިހާރު ވަނީ "ބާރުވެރި" އެޖެންޓުންތަކަކާ އެ މަސައްކަތް ހަވާލުވެފައެވެ. މި ދެންނެވި ފަދަ ބާޠިލު ހަރުކަށިފިކުރު މިނިވަންކަމާއެކު ރާއްޖޭގައި ފަތުރަމުން އެބަ ގެންދެއެވެ.



ވޭތުވެ ދިޔަ 2019 ވަނަ އަހަރު މި ދެންނެވި ހަރުކަށި ފިކުރަށް ތާއީދުކޮށް އެމްޑީއެންއޭ ކިޔާ ޖަމާއަތަކުން ރިޕޯޓެއްގެ ނަމުގައި ހާސަރެއް ނެރުނެވެ. ކައު އިތުރު ރަސޫލާއަށް މަލާމާތްކޮށް އިސްލާމް ދީނަށް ތައުހީނުކޮށް، ﷲ ސުބްޙަނަހޫ ވަތަޢާލާގެ އުލޫހިއްޔަތާއި ރުބޫބިއްޔަތާމެދު ޝައްކު އުފައްދައި ނެރުނު މި ރިޕޯޓް ދިފާޢުކޮށް "މަސްއޫލު ފަރާތްތަކުން" ތަފާތު ބަޔާންތައް ނެރުނެވެ. އެ ރިޕޯޓަކީ މާކުރީން ނެރުނު ރިޕޯޓެއްކަމަށް ބުނެ ކުރީ ސަރުކާރުގެ ބޮލުގައި އެ ރިޕޯޓް އަޅުވައި އެ ރިޕޯޓް ޙިމާޔަތްކުރާން މަސައްކަތްކުރިތަން ފެނުނެވެ. ނަމަވެސް ދުނިޔޭގެ ވެބްސައިޓްތަކުގައި ޝާއިޢުކުރާ ލިޔުންތައް އަރުޝީފުކުރާ ވެބްސައިޓަކުން އަރުޝީފު ކޮށްފައިވާ ގޮތުގައި މި ރިޕޯޓް ޝާއިޢުކޮށްފައިވަނީ 2019 ވަނަ އަހަރު ފެބްރުއަރީ މަހު 3 ވަނަ ދުވަހު އެވެ. އޭގައި ކޮންމެ ތާރީޚެއް ޖަހައިފައި އޮތަސް އެ ލިޔުން އެންމެ ފުރަތަމަ ޢާންމުވީ 2019 ވަނަ އަހަރު ފެބްރުއަރީ މަހުގައިކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިކަން މިހެން އޮތް ނަމަވެސް އެނގޭކަމަކީ ﷲގެ ޝަރީޢަތާ ޚިލާފު "ހަރުކަށި ފިކުރު" ރާއްޖޭގައި ފަތުރާން މަސައްކަތްކުރާ ޖާހިލުންނާ ދެކޮޅަށް ބަސްބުނާން ޖެހިލުންވެފައި ތިބި ބަޔަކު ތިބިކަމެވެ.

ކޮންމެއަކަސް މި ހަރުކަށި ފިކުރުގެ ރިޕޯޓް ނެރުނު މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. ނަމަވެސް ރައްޔިތުންގެ ފަރާތުން ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުން "ނަމެއްގައި" އެ ޖަމުޢިއްޔާ "އުވައިލިއެވެ." ނަމަވެސް އެ މީހުންގެ ޙަރަކާތްތަކަށް ހުއްޓުމެއް "ނުގެނުވުނެވެ." އަދިވެސް އެ މީހުން ތިބީ "ބަޔެއްގެ" ޢިނާޔަތާއި ޙިމާޔަތުގައެވެ.

މިދެންނެވި "ހަރުކަށި ފިކުރުގެ" މީހުން މިނިވަންކަމާއެކު "އެ މީހުންގެ މަސައްކަތު"ގައި ދެމި ތިއްބައި އަނެއްކާ މި ދިޔަ ޖޫންމަހުގެ ތެރޭގައި މި ފަދަ އަނެއް "ރިޕޯޓެއް" ނެރެފިއެވެ. "އުތެމަ"އިގެ ނަމުގައި މި ފަހަރު މި މީހުން "ހާސަރެއް" ނެރުނީ ކުރީގެ "ރިޕޯޓް" ދިފާޢުކުރަމުން، ބާޠިލަކީ ޙައްޤުކަމަށް ދަޢުވާކުރަމުންނެވެ. މިއީ ހަމަ އެއް ބަޔެއްގެ އެއް މަސައްކަތެކެވެ. އެއް އަމާޒަކަށް ކުރާ މަސައްކަތެކެވެ. ދިވެހި ރައްޔިތުންގެ ސިކުނޑިތަކަށް ބާޠިލަކީ ޙައްޤުކަމަށް ވިސްނައިދީ މި ރާއްޖޭގައި ލާދީނިއްޔަތު ފަތުރާން ކެނޑި ނޭޅި މަސައްކަތްކުރާ މީހުންގެ މަސައްކަތެވެ. އެހެނީ އެމްޑީއެން އާއި "އުތެމަ"އަށް ވެސް މާލީ އެހީތެރިކަން ދީފައިވަނީ އެއް ބަޔެކެވެ. 'ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވް' ކިޔާ ޖަމާޢަތަކުންނެވެ. މި މީހުންގެ މަސައްކަތަކީ މި ދެންނެވި ބާޠިލު "ހަރުކަށި ފިކުރު" އެއީ އާދައިގެ ކަމެއްގެ ގޮތުގައި ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނޭ ވަރަށް ޢާއްމުކުރުމެވެ.

މި ކަމުގައި "އެވެރީން" ކާމިޔާބީތަކެއް ހޯދައިފިއެވެ. ޝައިޠާނާގެ ބާޠިލު "ހަރުކަށި ފިކުރު" ފެތުރުން ނުވަތަ އެކަމާ ބެހޭ ރިޕޯޓް ނެރުން އެއީ "ކަމާބެހޭ މީހުންނަށް" މިއަދު "ކަމަކަށް" ނުވެއެވެ. ނަމަވެސް މި ދެންނެވި ބާޠިލު އަޅުވެތި ފިކުރާ އިދިކޮޅަށް އެއްޗެކޭ ބުނެފި ނަމަ، އެ ވަނީ ވަރަށް "ނުރައްކާތެރި" ވާހަކައަކަށެވެ.

ނަމަވެސް އިސްލާމީ ވެރިކަމެއް ހިނގާ އިސްލާމީ ޤައުމެއްގައި މިއީ ވެގެންވާނޭ ގޮތެއް ނޫނެވެ. ﷲގެ މަތިވެރި ޝަރީޢާތާ ޚިލާފު ހަރުކަށި ބާޠިލުފިކުރު ހުއްޓުވައި ރައްޔިތުންގެ ޢަޤީދާ ޙިމާޔާތްކުރުމަކީ ވެރިކަމުގެ އެންމެ އިސް ވާޖިބަށް ވާންޖެހޭނެއެވެ. އެކިއެކި މުއައްސަސާތަކަށް ޢައްޔަންކުރެވޭ މެންބަރުގެ ހުވާގައި ވެސް އެންމެ އިސްކަން ދޭންޖެހޭނީ ޢަޤީދާ ޙިމާޔާތް ކުރުމުގެ ވާހަކައަށެވެ. އެ މީހުންގެ ވާޖިބުތަކުގައި ވެސް އެންމެ އިސްކަމެއް ދޭންޖެހޭނީ އެކަމަށެވެ. ﷲގެ ޝަރީޢަތާ ޚިލާފު ބާޠިލު ހަރުކަށި ފިކުރުތައް ނައްތައިލުމަކީ މުޅި ވެރިކަމުގެ ހުރިހާ ބާރުވެރީންގެ އެންމެ އިސް މަސްއޫލިއްޔަތަށް ވާންޖެހޭނެއެވެ. ރައްޔިތުންނަށް ދެދުނިޔޭގެ ސިލްމާއި ސަލާމަތާއި ފަލާޙާއި ކާމިޔާބު ލިބުން އޮތީ މި ގޮތުގައި މަސައްކަތްކުރެވިގެންކަމަށް ވާތީ އެވެ.

ނަމަވެސް މި ވާހަކަ އިސްވެ ދައްކާންޖެހޭނީ އަޅުގަނޑު ފަދަ ޢާއްމު ރައްޔިތެއް ނޫނެވެ. އެހެނަސް އަޅުގަނޑަށް ވެސް ޙައިސިއްޔަތެއް އަދި ވާޖިބެއް ވެސް އެބަ އޮތެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ކޮންމެ މުސްލިމެކޭ އެއް ފަދައިން އަޅުގަނޑުގެ ކޮނޑުގައި ވެސް އެޅިފައިވާތީއެވެ.

ކަމާ ބެހޭ ފަރާތްތަކުގެ ދޫތައް ބަނދުވެފައިވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ޢިލްމުވެރީންގެ ގަލަންތަކުން ދެލިހިކިފައިވަނީ ކޮންފަދަ މުޞީބާތަކުން ކަމެއް ނުވިސްނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް މީގެ ކުރީން ގޮވަމުން ގެންދިޔަ ނޫސްވެރީން މިއަދު ވަދެ ތިބީ ކޮންތާކު ކަމެއް ވެސް ނޭނގެއެވެ.

ޝައްކެއް ނެތި އެނގޭކަމަކީ ދިވެހީންގެ ޤައުމިއްޔަތުގެ އަސާސަކީ ﷲގެ މަތިވެރި ޝަރީޢާގެ މަތިވެރި އުޞޫލުތައްކަމެވެ. ދިވެހީންގެ މިނިވަންކަމުގެ އަޞްލަކީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތި ނުވުމުގެ މަތިވެރި މިނިވަން ފިކުރުކަމެވެ. ﷲގެ ޙައްޤުތައް ފިޔަވައި، ޖާހިލުކަމާއި ބާޠިލާއި ހަވާނަފުސަށް އަޅުވެތިވެތި ވެފައިވާ "ހަރުކަށި" އަދި ޠަބީޢަޔާ ޚިލާފު ބާޠިލު ފިކުރަކީ ދިވެހި ޤައުމިއްޔަތަށް މިއަދު ދެވޭ އެންމެ ނުރައްކާތެރި ޙަމަލާތައް ކަމެވެ. ވީމާ މި ބާޠިލު "ހަރުކަށި ފިކުރު" ނައްތައިލާންޖެހެއެވެ. "ޙައްޤު"ތަކުގެ ނަމުގައި ފަތުރާން މަސައްކަތްކުރާ ބާޠިލު ޝައިޠާނީ މުންކަރާތްތައް ހުއްޓުވާންޖެހެއެވެ. އެ މުޑުދާރު ބާޠިލު ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވާންޖެހެއެވެ. "ބާރުހުރި" ފަރާތްތަކުގެ "އަތުންނެވެ." (ޤާނޫނީ ބާރުންނެވެ.) ދީނީ ޢިލްމުވެރީންގެ ދޫތަކުންނެވެ. ކުޅަދާނަ ނޫސްވެރީންގެ ލިޔުންތަކުންނެވެ. އަޅުގަނޑުމެން ފަދަ ނިކަމެތި ރައްޔިތުންގެ ހިތްތަކުންނެވެ. ﷲ ސުބްޙަނަހޫ ވަތަޢަލާ އަޅުގަނޑުމެންނަށް ތައުފީޤުދެއްވާށިއެވެ!


ކިޔުންތެރިންގެ ހިޔާލު


18

މުދިމު

22-Jul-2020

ޙައްޤު ތެދު ބަސްތަކެއް. މާތް ﷲ ތިބާއަށް ހެޔޮ ދަރުމަދެއްވާށި! މި ދިވެހި ލޮބުވެތި ފަސްގަނޑުގައި އިސްލާމީ ވަޙުދަތު ދަމަހައްޓަވާށި! އާމީން!


25

އަލީ ނަސީމް

21-Jul-2020

ރައްޔިތު މީހާއަށް ދަންނަވަން. ކޮއްކޯ! ހަސަދަވެރިވިޔަސް ތިޔައީ ބޮޑުވަރު. މި ލިޔެފައި އޮތް އެއްޗެއް ކިޔައިވެސް ނުލައި ހަމަ މީހަކާ ދިމާއަށް ދިއޮއް ހެއްދެވި ނެހެއްދެވިއަށް ގޮވަނީ. އަޅެ މީހުން ކޮމެންތްކުރަނީ ލިޔެފައި އޮތް އެއްޗަކަށް ދޯ؟ މީހުންނަކަށް ނޫން. މީހާގެ ނަން ފެންނަ އިރަށް ތިއޮއް ގޮވަނީ ރަތްމަހަށް ނުބަވާ ވަރަށް. ތިޔަ ގޮތަށް ކޮމެންތްކުރީމާ އެންމެންނަށް ވެސް އެނގޭނެ. ތިޔައީ ލިޔެފައި އޮތް އެއްޗެއް ނުކިޔައި ހަސަދަވެރިކަމުގައި ގޮވާ އެއްޗެއްކަން.


10

ރައްޔަތު މީހާ

10-Jul-2020

ކަލޭކީވެސް ދީނާއި ދެކޮޅު ގޮލެ އެއްދޯ.. ކޮބަ ހަރުކަށި ފިކުރަކީ އޮރިޔާމުން މަގުމަތީ ނުހެގޭތި ތޯ ހަރުކަށިތިކިޔަނީ.. ބޮލުގަ ތާކިހަލެއް އެޅުނީމަ, މާ ދީން އިގޭމީހަކަށް ވެގެން ތިއުޅެނީ.. ޕީޕީ އެމް ބޭނުންގޮތަށް އޮފީސް ހިގާހެން ދީނާއި ނުބެހޭތި.. މިހާރު އަންނި މެން ކޮޅަށް ޖެހެންވެގެން ދީނާ ދެކޮޅުގްރޫޕުގެ ރާގަށް ތިލަވަކިޔަން ފެށީ..


8

ما شاء الله!

10-Jul-2020

ވަރަށް ފައްކާ ލިޔުމެއް


0

ما شاء الله!

10-Jul-2020

ވަރަށް ފައްކާ ލިޔުމެއް!


19

އަލީ ނަސީމް

09-Jul-2020

ޙައްޤު ބަސްތަކެއް. އެކަމަކު ބާރު ހުރި މީހަކު އަޑުއަހާނެ ކަމަކަށް ނުވިސްނޭ.



ޓްރެންޑިން