ރާއްޖޭގެ އުތުރާއި ދެކުނަށް އަތްލެވޭ ތަރައްޤީ ގެނެސްދެއްވާނެ ބޭފުޅަކީ ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކަމަށް އެމަނިކުފާނުގެ ތަރުޖަމާން އަބުދު ﷲ އަމީން ވިދާޅުވެއްޖެއެެވެ.

އަމީން މިހެން ވިދާޅުވީ ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ ސަރުކާރުތަކުން އުތުރާއި ދެކުނަށް އެކިހަލަ ވައުދުތަކެއްވަމުންދާ ކަމަށާއި އެހެންނަމަވެސް އެކަން ހަގީގަތަކަށް ވެފައިނުވާ ކަމަށެވެ.

ރާއްޖޭގެ އުތުރާ ދެކުނަށް އަތްލެވޭ ތަރައްގީ ގެނެސްދެއްވާނެ ބޭފުޅަކީ ޤާސިމް ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންގެ ދިރިއުޅުމުގައި ދިމާވި ތަކުލީފުތައް ހާސްކަމުގެ ތެރޭގައި އޮތް ދުވަސްވަރު އެ ހާސްކަން ފިއްލަވައި ދެއްވި ބޭފުޅެއްކަމަށް އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމްގެ މެނިފެސްޓޯ ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. އެ މެނިފެސްޓޯއިން ރައްޔިތުންގެ ހާސްކަން ފިލާވަރުގެ ކަންކަން ފެނިގެންދާނެ ކަމަށް އަމީން މިރޭ ވިދާޅުވިއެވެ. އަމީން ވަނީ ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޓޭޓްގެ ބައެއް ވައުދުތަށް ވެސް ހާމަކުރަށްވާފައެވެ.





"އިރާދަކުރެއްވިޔާ ޤާސިމް އިބްރާހިމްގެ ވެރިކަމެއްގެ މެނިފެސްޓޯ ފެނިގެންދާއިރު ހުވަދު އަތޮޅު ފެނިގެންދާނީ ފަތުރުވެރިކަމުގެ ވަރަށް ބޮޑު ހަބަކަށް. އެތަން ވެގެންދާނީ ދަތުރުފަތުރުގެ ވަރުގަދަ މަންޒިލަކަށް. އެތަން ވެގެންދާނީ ވަޒީފާ އުފެދޭނެ ވަރުގަދަ މަންޒިލަކަށް،" އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ 2008 ވަނައަހަރުން ފެށިގެން ތިން ބޭފުޅެއްގެ ވެރިކަން ދިވެހިން ދެކެފައިވާ ކަމަށެވެ. އެވެރިކަން ތަކުގައި ރާއްޖެއަށް ތަރައްގީތައް އައިނަމަވެސް ދިވެހިންގެ ހާސްކަން ފިލައިގެންނުދާ ކަމަށް އަމީން ވިދާޅުވިއެވެ.

"މަސްތުގެ ހާލަތުން އަރައެއް ނުގަނެވޭ، ކުށްމަދު މުޖުތަމައު އެއް ނުފެނޭ. ކުލުނު ވެރި މުޖުތަމައެއް ނުފެނޭ،. އެހެންވީމާ އަޅުގަނޑުމެންނަށް މިދެވެނީ ރަނގަޅު މަގުން ކަމަށް ދެންނެވޭކަން ނެތް،" އަމީން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ލިބުނު ކޮންމެ ކާމިޔާބީއެއްގެ މުގުލުގައި ހުންނެވި ބޭފުޅަކީ ގާސިމް ކަމަށެވެ. އެގޮތުން އިންތިހާބުތައް ކާމިޔާބު ކޮށްދިނުމާއި އެތެރޭގެ މައްސަލަތައް ހައްލުކޮށްދިނުމާއި ސިޔާސީ މަސައްކަތްތަކަށް ދިރުން ގެނެސްދެއްވި ބޭފުޅަކީ ޤާސިމް ކަމަށް އަމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު