މިހާރު ފެންނަމުންދަނީ ނުފެންނަ އަތްތަކުގެ މަކަރުވެރި ދަލުގައިޖެހި، މިނިވަން މުއައްސަސާތަކުގެ އަތްތަކުގައި ކަސްތޮޅުއެޅި، ޙައްޤާއި ބާޠިލު އޮޅިފައިވާ މަންޒަރުކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

އިޤްބާލް މިހެން ވިދާޅުވެފައި މިވަނީ ވިލާ ކުންފުންޏަށް ދީފައިވާ ރަށެއްގެ މައްސަލައިގައި އޭސީސީން ޤާނޫނާއި ހިލާފަށް އަމަލުކުރާކަމަށް ޤާނޫނީ ވަކީލުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޑެޕިއުޓީ ލީޑަރ އިޤްބާލް އާދަމް ވިދާޅުވީ އިސްލާމީ ޝަރީޢަތަކީ މާތް الله ބާއްވާލެއްވި އަބަދީ، ދާއިމީ ޝަރީޢަތްކަމަށެވެ. އަދި އިސްލާމީ ޝަރީޢަތް ޙިމާޔަތް ކޮށްދެނީ މައިގަނޑު ފަސްކަމެއްކަމަށާއި އެއީ؛ ދީނާ، ފުރާނަޔާ، ނަސްލާ، ބުއްދިއާއި މުދާކަމަށެވެ.

އިޤްބާލް ވިދާޅުވީ މިއަދު ފެންނަމުންދާ ސިލްސިލާ މަންޒަރަކީ އެއްބަޔަކު އަނެއް ބަޔަކަށް ނުޙައްޤު އަނިޔާދީ، އަނިޔާދޭ މީހާވެސް އަމިއްލަ ނަފްސު އަމިއްލަ އަތުން ހަލާކުގެ ތެރެއަށް ވައްޓައިލާ މަންޒަރުކަމަށެވެ.

"އޭ ސަހަރޯއެވެ! އާޚިރުގައި ހަލާކުވެގެން ދާނީ އަނިޔާދެވޭ މީހާއެއް ނޫނެނެވެ. އަނިޔާ ދޭ މީހާއެވެ. ބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތުގެ މާނާގައިވެއެވެ. 'اللَّه ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި إحسان ތެރިވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ'" އިޤްބާލް ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައިވެއެވެ.

އިޤްބާލް ވިދާޅުވީ ﷲ އިންސާނާއަށް މަސްއޫލިއްޔަތުތައް ޙަވާލުކުރެެއްވީ އަމާނާތެއްގެ ގޮތުގައި، އެކަކު އަނެކަކަށް އޯގާވެރިކަމާއިއެކު ޚިދުމަތް ކުރުމަށްކަމަށެވެ. އަދި ދައުލަތުގެ ސަރުކާރާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ޒިންމާއަކީވެސް އެއީކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު ފެންނަމުން ދަނީ، ނުފެންނަ އަތްތަކުގެ މަކަރުވެރި ދަލުގައިޖެހި، މިނިވަން މުއައްސަސާތަކުގެ އަތްތަކުގައި ކަސްތޮޅުއެޅި، ޙައްޤާއި ބާޠިލު އޮޅިފައިވާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ވެރީންނާއި ރައްޔިތުން މަތިކުރެއްވި އަމާނާތަށް އެ މުއައްސަސާތަކުން ޚިޔާނާތްތެރި ވަމުންދާކަމަށްވެސް އިޤްބާލް ވިދާޅުވިއެވެ.

"އެއްވެސް ފަރުދެއްގެ ޙައްޤަކަށް ނުޙައްޤުން އަރައިގަތުމުގެ ޖަރީމާ ހިންގުމަކީ އެއްވެސް ފަރާތަކަށް އޮތް ޙައްޤެއް ނޫން، ދިވެހި ދައުލަތުގެ އޭސީސީއަށްވެސް ވެގެން މިއުޅެނީ މިކަހަލަ ގޮތެއް ނޫންބާވައޭ ހިތަށް އަރާ." އިޤްބާލް ވިދާޅުވިއެވެ.



އިޤްބާލް ވަނީ މިދާކަށްދުވަހު އޭސީސީން ވިލާ ކުންފުނީގެ ރަށެއް ވިއްކާލުން ހުއްޓުވާލުމަށް ހިންގާފައިވާ ބާރަކީ ޙަޤީޤަތުގައިވެސް އޭސީސީގެ ޤާނޫނީ ބާރުގެ ތެރެއިން ހިންގާފައިވާ ބާރެއްތޯ ސުވާލު އުފައްދާފައެވެ. ނޫނިއްޔާ އެއީ ނުފެންނަ އަތެއްގެ ނުފޫޒަށް ބިރުން އޭސީސީއިން ހިންގި ޢަމަލެއް ނޫންބާއޭވެސް ހިތަށް އަރާކަމަށް އިޤްބާލް ވިދާޅުވިއެވެ.

އިޤްބާލް ވިދާޅުވީ އޭސީސީގެ މެންބަރުން ބިރުގަންނަންވީ ނުފެންނަ އަތްދެކެ ނޫންކަަމަށާއި ބިރުވެތިވާންވީ ތިމާމެން ހެއްދެވި ޚާލިޤުގެ ކޯފާއަށްކަމަށެވެ.

"ނަޙުލު ސޫރަތުގެ 117 ވަނަ އާޔަތުގެ މާނާގައިވެއެވެ. (އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ." އިޤްބާލްގެ ޓްވީޓްގައިވެއެވެ.

އިޤްބާލް ވިދާޅުވީ ކޮންމެ އިންސާނަކީވެސް މި ދުނިޔޭގެ ވަގުތީ މެހްމާނެއްކަމަށާއި ނުހަނު އަވަހަށް ނިމި ހިނގައިދާނެކަމަށެވެ. އަދި ހަމަ އެފަދައިން އޭސީސީގެ މެންބަރުންގެ މަޤާމުގެ ވަގުތުކޮޅަކީވެސް ނުހަނު ކުޑަކުޑަ ވަގުތުކޮޅެެއްކަން އިޤްބާލް ހަނދާންކޮށްދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު