ދީނީ އިލްމުވެރިންނަށް ފުރައްސާރަކުރުމަކީ ނުރައްކާތެރި ސިގްނަލެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރުކަމަށްވާ ޑރ. މުހައްމަދު އިޔާޒާއި މަގުމަތިން ބަޔަކު ދިމާކުރި މައްސަލައަށް އިޝާރާތް ކުރަށްވައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއްކަމަށެވެ. އަދި އެއީ ނުރައްކާތެރި ސިގުނަލެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރައްވައި އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ގޮވާލައްވާފައެވެ.



ވީޑިއޯތަކުން ފެންނަ ގޮތުގައި އިޔާޒު ސައިކަލުގައި ވަޑައިގަންނަވަނިކޮށް މާފަންނު ސޯޝަލް ސެންޓަރު ކައިރިން ބަޔަކު މީހުން އޭޭނާއާ ދިމާލަށް އެއްޗެހި ގޮވަމުން އޭނާ ފަހަތުން ދުވަމުންދާ މަންޒަރު ފެނެއެވެ. އަދި އެމީހުން ކައިރިން ސަލާމަތްވާން އިޔާޒު އަވަހަށް އެތަނުން ދުރަށް ވަޑައިގަންނަވާ މަންޒަރު ވެސް ފެނެއެވެ.

މި މައްސަލަ އަދާލަތު ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ. އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކު އަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުޚާތަބުކޮށްފައިވާ ކަމަށެވެ. އަދި އެއީ ޕީޕީއެމް-ޕީއެންސީން ހިންގި ދަށު ދަރަޖައިގެ ހުތުރު އަމަލެއްކަމަށް ވިދާޅުވެ އޭނާ ވަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަށްވާފައެވެ.

އަލީ ނަޒީރު ވިދާޅުވީ މިއަމަލުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިން ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ޤާނޫނުތަކާއި އަދި އާންމު އަޚުލާގީ މިންގަނޑާ ޚިލާފު ކަންކަން ކުރުވާކަންކަމަށެވެ. އަދި މިފަދަ ހުތުރު ޢަމަލުތަކުގެ ސަބަބުން އަދާލަތުގެ ޢިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

މިހާދިސާއަށް ފަހު ޑރ. އިޔާޒު ވެސް މީސް މީޑިއާގައި ގެންދަވަނީ އިދިކޮޅަށް ވަރަށް ވަރުގަދައަށް ބަހުގެ ރައްދު ހަމަލާތައް ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު