މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހުރިހާ ފްލެޓެއްގެ މަސައްކަތް ހިނގަމުންދާކަމަށާއި، އަހަރު ނިމެންވާއިރަށް ހުރިހާ ފްލެޓެއްގެ މަސައްކަތް ނިންމާލެވޭނެކަމަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އުފައްދަވާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ބުނެފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 4000 ފްލެޓްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރެއިން 2000 ފްލެޓް އެޅުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީން ކުރަމުންދާއިރު އަނެއް 2000 ފްލެޓްގެ މަސައްކަތްކުރަނީ އިންޑިއާގެ އެންބީސީސީ ކުންފުނިންނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންގެންދާ ފްލެޓުތައް ސަރުކާރުން ވަނީ މިއަދު މީޑިއާތަކަށް ދައްކާލާފައެވެ. މިގޮތުން މިހާރު ފްލެޓްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތާއި ނިންމާފައިވާ ބައެއް އެޕާޓްމަންޓްތައް ވަނީ ނޫސްވެެރިންނަށް ދައްކާލާފައެވެ.



32 ޓަވަރެއްގެ މަސައްކަތް ކުރަމުންދާއިރު އެފްޑީސީން ބުނީ ސްޓްރަކްޗާގެ މަސައްކަތް މިހާތަނަށް އެއްކޮށް ނިމިފައިވަނީ އެންމެ ޓަވަރެއްގެކަމަށެވެ. އަދި ހަ ޓަވަރުގެ ސްޓްރަކްޗާ، 10 ބުރިއަށް ވުރެ މައްޗަށް ނެގިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

17 ބުރިއަށާއި 18 ބުރިއަށް އިމާރާތްކުރާ މި ޓަވަރުތަކުގެ ކޮންމެ ފަންގިފިލާއެއްގައި 8 އެޕާޓްމަންޓް ހުންނާނެއެވެ. މި ޓަވަރުތައް ރީއިންފޯސްޑް ކޮންކްރީޓް ބޭނުންކުރުމުގެ ސަބަބުން އެކަމަށް ނަގާ ވަގުތު 14 ވަރަކަށް ދުވަސް އަވަސްވާކަމަށް ކުންފުނިން ބުނެއެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ކުރިއަށް ގެންދާ 4000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2025 ގެ ކުރީކޮޅުއެވެ. އަދި މިހާރު ނިމިފައިވަނީ މި މަސައްކަތުގެ 30 ވަރަކަށް ޕަސަންޓްކަމަށްވެސް މަސައްކަތް ކުރިއަށްގެންދާ އެފްޑީސީން ބުނެއެވެ.

އެފްޑީސީން ބުނީ މިއަހަރު ނިމެންވާއިރަށް މިތަނުން 8 ޓަވަރުގެ މަސައްކަތް ނިމޭނެކަމަށެވެ. މިތަނުގައި ހިމެނެނީ ދެ ކޮޓަރީގެ 1200 ފްލެޓް (650 އަކަފޫޓް) އަދި ތިން ކޮޓަރީގެ 2800 (900 އަކަފޫޓް) ޕްލެޓެވެ.



ކިޔުންތެރިންގެ ހިޔާލު