ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫޢުން ފުލެޓް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅީފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި، އާންމުންގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ. މީގެ ތެރެއިން ގުޅީފަޅު ކަސްޓަމަރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރުން ބުދަ ދުވަހު ވަނީ ފަށާފައެވެ.

އަރބަންކޯއިން ބުނީ ޖުމްލަ 100 ފަރާތަކަށް ހައުސިން ޔުނިޓު ލިބޭ އިރު ދުވާލަކު 25 އެގްރީމަންޓުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލް ގައެވެ. ގުޅީފަޅު ކަސްޓަމަރުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަރބަންކޯއިން ބުނެއެވެ.

މީގެއިތުރުން އެންޑް ޔޫޒަރ އަދި ހައުސިން ޔުނިޓްތަކަށް ފުލް ޕޭމަންޓް ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް ސެލެކްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް 128 ޔުނިޓެއް އެ ފަރާތްތަކުން ނަގާފައިވާކަމަށް އަރބަންކޯއިން ހާމަކޮށްފައިވެއެވެ. އަދި އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އަރބަންކޯއަށް ދިގު މުއްދަތަށް ބަހާލައިގެން (އެންޑް ޔޫސަރ) މޮޑެލް އަށް ފައިސާ ދައްކާ ފަރާރްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިހްތިޔާރުކުމުގެ މަރުހަލާ އަންނަ ހަފްތާތެރޭގައި ނިންމާލެވޭނެ ކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

އަރބަން ކޯއިން ބުނީ ވިނަރެސް ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތަށްފަހު އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު