ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ރަނގަޅު ނަމޫނާ ދައްކުވައިދެއްވުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް އެދިވަޑައިގެންނެވީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ބޭއްވި ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ދީނީ ކަންކަމާއި އެކަކު އަނެކަކާ މުއާމަލާތުކުރުމުގައާއި ޞިއްޙީ ކަންކަމާއި ޓްރެފިކްގެ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައާއި ތިމާވެށްޓަށް އިސްކަންދޭ މިންވަރުފަދަ ދިރިއުޅުމުގެ މިފަދަ ކޮންމެކަމެއްގައި ވެސް ކުޑަކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދެވިގެން ނޫނީ ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެނިގެން ނުދާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ކުއްޖާ ރަނގަޅު ޝަޙުސިއްޔަތެއްގެ ގޮތުގައި ހެދިބޮޑުވުމަށް ސްކޫލާއި ބެލެނިވެރިންގެ އިތުރުން ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުންވެސް ރަނގަޅު ނަމޫނާ ދައްކުވައިދޭންޖެހޭކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ހުރިހާ ދިމާއަކަށްވެސް ސަމާލުކަންދޭންޖެހޭކަން ފާހަގަކުރައްވައި ސްކޫލްތަކުގައި ބާއްވާ ޙަފްލާތަކުގައިވިޔަސް ބެލެނިވެރިން ކުދިންނަށް ދޭ ކާނާގައިވެސް ފައިދާހުރި ރަނގަޅު ކާނާ ހިމެނުންފަދަ ކަންކަމާއި ތިމާވެށީގެ ދުވަހު ތަންތަން ސާފުކުރަންއުޅުމާއި އާތްޑޭ ފަދަ ދުވަސްތަކުގައި ހަމައެކަނި ބޮކި ނިންވާލާ ކަރަންޓް އިސްރާފުވުން ކުޑަކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެކަންކަމަކީ އެއީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުންފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަންދޭންޖެހޭ ކަން ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ އިންކްލޫސިވް އެޑިއުކޭޝަން، ވީ އެންމެ ފުޅާދާއިރާއެއްގައި ސްކޫލުތަކުގައި ކުރިޔަށް ގެންދިއުމުގައި ސްކޫލްތަކާއި އަދި ބެލެނިވެރިން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންންވާފައެވެ.



ކިޔުންތެރިންގެ ހިޔާލު