ޖުމްހޫރީޕާޓީގެ ރިޔާސީ ކެމްޕެއިނާ ގުޅިފައިވާ ވަރަށް ޚާއްސަ ބައްދަލުވުމެއް މިރޭ ސަލްޓަންޕާކް (ލިލީމަގު) ސިޑިބަރި ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އާންމުންނަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްދާނެ މިރޭގެ މިބައްދަލުވުމުގައި ޕާޓީގެ އިސްވެރިންނާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނޭކަމަށް ޖޭޕީން ބުނެއެވެ.

ޖޭޕީން ބުނީ މިރޭގެ މިބައްދަލުވުމުގައި ޖޭޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ހަފުލާގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި އަލިއަޅުވާލެއްވި ކަންކަމުގެ މައްޗަށް އިތުރު ތަފްސީލް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓް އެރުވުމުގެ ހަފުލާގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އަމާން ބަނދަރަކަށް ރާއްޖެ ގެންދެވޭނެކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި 5 އަހަރު ދުވަހުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، 100 މިލިއަނަރުން އުފައްދައި، އިޤްތިޞާދީގޮތުން އިންޤިލާބީ ބަދަލުތަކެއް ރާއްޖެއަށް ގެނެސްދެއްވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށާއި ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގާސީމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފަތުރުވެރިކަން ކުރިއަރުވައި، އެ ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ސްކީމްތައް ތައާރަފްކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ވިސްނުންތެރިކަމާއެކު ހައްލުކޮށް، ޤައުމައިގެން ކުރިއަށްދިއުމުގެ ވިސްނުމާއި ކެރުން އެމަނިކުފާނުގެ ކިބައިގައި އެބަހުރިކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދެއްވައި، ޤައުމު އަމާން ބަނދަރަކަށް ގެންދެވޭނެކަން ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު