މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މުހިއްމު މަސައްކަތްތަކެއް ހުށަހެޅިފައިވަނިކޮށް މަޖިލިސް ހަލަބޮލިކޮށް، މަޖިލިސް ހުއްޓުމަކަށް ގެންނަން ފުރުސަތު ދިނީ މަޖިލީހުގެ ރިޔާސަތުންކަމަށް ވެރިކަންކުރާ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ހުރަސް އެޅުމުން ޖަލްސާ ހުއްޓާލަން ޖެހުމާއި ގުޅިގެން ނެރުނު ބަޔާނުގައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް މުހިއްމު މަސައްކަތްތަކެއް ތާވަލުކޮށްފައިވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުމަކީ އެ ޕާޓީން ކަންބޮޑުވާ މައްސަލައެއްކަމަށެވެ. އަދި މަޖިލީޙުގެ ޖަލްސާ ހަލަބޮލިކޮށް، ޖަލްސާ ހުއްޓުވަން ފުރުސަތު ދެއްވީ މަޖިލީޙުގެ ރިޔާސަތުންކަމަށްވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މަޖިލީހުގެ ރިޔާސަތުން ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލާފައިވަނީ މަޖިލީހުގެ ގަވާއިދަށް އަމަލުކުރުމެއް ނެތިކަމަށެވެ. އަދި މިއަދުގެ ޖަލްސާވެސް ހުއްޓުމަކަށް ގެނައީ އެ ޖަލްސާއަށް ރައްޔިތުންނާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ހުށަހެޅިފައިވަނިކޮށް ކަމަށްވެސް އެމްޑީޕީން ފާހަގަކުރެއެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް، މަޖިލީހުގެ މަސައްކަތްތައް ފެށޭނެ ގޮތެއް މަޖިލީހުގެ އިދާރާއިން ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު