ވެލާ ކަހަނބު ހިފުން ހުއްދަކޮށްފައި ނުވާކަމަށާއި، އެއީ އަދިވެސް މަނާކަމެއްކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނެފިއެވެ.

އީޕީއޭއިން މިހެން ބުނެފައި މިވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބުގެ ބާވަތްތަކާއި ގުޅޭގޮތުން ނުރަނގު މައުލޫމާތު މީޑިއާގައި ދައުރުކުރަމުންދާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.

އީޕީއޭއިން ބުނީ މަސްވެރިކަމުގެ ޤާނޫނުގެ ތެރޭގައި ނެގުމާއި ހިފުން މަނާ ބާވަތްތަކުގެ ތެރެއިން ވެލާ ކަހަނބާއި މަޑީގެ ބާވަތްތައް އުނިކުރުމާއި ގުޅޭގޮތުން ބައެއް ނޫސްތަކުން އާންމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާކަމަށެވެ.





އީޕީއޭއިން ބުނީ މަސްވެރިކަމުގެ ޤާނޫނުގެ ތެރޭގައި ނެގުމާއި ހިފުން މަނާ ބާވަތްތަކުގެ ތެރެއިން ވެލާ ކަހަނބާއި މަޑީގެ ބާވަތްތައް އުނިކުރިނަމަވެސް އެއީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އަދިވެސް ހިމާޔަތްކޮށްފައިވާ ބާވަތްތަކެކެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ހުރިހާ ބާވަތެއްގެ ވެލާ ކަހަނބެއް ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 2016 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ހިމާޔަތްކޮށް، އާއްމުކޮށް އަންގާފައިކަމަށްވެސް އީޕީއޭއިން ބުނެއެވެ.

މިއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއި ބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އީޕީއޭއިން ބުނެއެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުން ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން އީޕީއޭއިން އަންގާ އެންގުންތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށްވެސް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު