ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ލިބިވަޑައިގެންނެވި ފޯނު ކޯލަކާއެކު މަޖިލިސް ނިންމާލެއްވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މުހިންމު ކަންތައްތަކެއް ހުރި ނަމަވެސް، ތަޅުމުން ފެނިގެން ދިޔައީ މަޖިލީހުގެ ނިޒާމް ގެއްލުވާލަން ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުންނަށާއި އިދިކޮޅު މެންބަރުންނަށް ރިޔާސަތުން ފުރުސަތު ދެއްވައިގެން އިންނެވި މަންޒަރެވެ. މިއާ ޚިލާފަށް ޖަލްސާ ކުރިއަށް ގެންދިއުމަށް ރިޔާސަތުން އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.

މަޖިލީހުގެ ނިޒާމް ގެއްލުމުން މަޝްވަރާއަށް ކަމަށް ވިދާޅުވެ މަޖިލިސް މެދުކަނޑާލުމަށްފަހު، އަލުން މަޖިލިސް ޖަލްސާ ފެށިގެން ވެސް ކަންތައްތައްވީ ހަމަ މިހެންނެވެ. ނަމަވެސް ފަހުން ރިޔާސަތުގައި އިންނެވި އަފީފު ފޯން ކޯލެއް އައި ކަމަށް ފެންނަ ކަހަލަ ގޮތަކަށް ފޯނާ ކުޅުއްވާތަން ފެނެއެވެ. އަދި މަޖިލީހުގެ ލައިވް ފީޑް ދޫކޮށްފައިވަނިކޮށް، އަފީފަށް އައި އެ ފޯނު ކޯލާއެކު ވަނީ މަޖިލިސް ނިންމަވާލައްވާފައެވެ.

"އާދެ. ނިންމާލަނީ. ނިންމާލަނީ" ކަމަށް ވިދާޅުވުމަށް ފަހު މަޖިލިސް ޖަލްސާ ނިންމަވާލެއްވީއެވެ.

"ރަސް" އޮންލައިން އަށް އެނގިފައިވާ ގޮތުގައި އެއީ ރައީސް ނަޝީދުގެ ފޯނު ކޯލެކެވެ. އަދި މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންގޮސް ހިފަހައްޓާލުމަށް ނަޝީދު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާގެ ނިޒާމް ގެއްލުވާލާ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ގޮތް ހެދުމަށް އެދިފައިވާތީ، މިއަދުގެ ޖަލްސާގައި އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި ރިޔާސަތުން ވެސް ޖަލްސާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތެއް ނުކުރެއެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެން ގޮސް ކޮމިޓީތައް އެކުލަވާލުމުގެ ފުރުސަތު ނުދޭން އުޅެނީ، މަޖިލީހަށް ހުށަހެޅިފައިވާ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ދައުރު ނިންމާލުމަށް ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.

މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ނިމި ޗުއްޓީއަށްދާނީ މި މަހުގެ ނިޔަލަށެވެ. ނަމަވެސް އީދު ބަންދާ ދިމާވާތީ ޗުއްޓީއަށް ދިއުމުގެ ކުރިން ބާއްވާ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު