މަޖިލީހުގެ ޖަލްސާގައި އަޑުގަދަކޮށް އަވަގުރާނަ ގޮވައި ޖަލްސާ ހުއްޓުވައި މަސައްކަތް ކުރިއަށް ނުދިޔައީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމް ގެއްލުވާލަން ރިޔާސަތުން ފުރުސަތު ދިނުމުން ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެެ ޖަލްސާގައި އޮތީ ދާއިމީ ކޮމިޓީތަކުގެ މައްސަލައަށް ހައްލެއް ހޯދުމާއި ސަރުކާރުން ހުށަހަޅާފައި ހުރި ބިލްތަކުގެ މަސައްކަތެވެ. ނަމަވެސް މަޖިލިސް ފެށިގެން ވަކި ހިސާބަކުން މެންބަރު އާޒިމް ވަނީ އަޑުގަދަ ކުރައްވައި އެހެން މެންބަރުންގެ މޭޒު ކައިރިއަށް ވަޑައިގެން މެންބަރުންނަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.

އެހެން މެންބަރުންނަށް ފުރުސަތު ނުދީ، އާޒިމަށް ނިޒާމީ މައްސަލަ ހުށަހަޅަން ފުރުސަތު ދޭންޖެހޭނެކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. އަދި އަޑު ގަދަ ކުރައްވާ މެންބަރުންނާއި ޒުވާބުކޮށް ޖަލްސާގެ ނިޒާމް ގެއްލުވާލަން ފާޅުގައި މަސައްކަތް ކުރެއްވިއެވެ.

އާޒިމް ދިޔައީ މެންބަރުންނާ ޖަދަލު ކުރައްވާ އަވަގުރާނަ ގޮވަމުންނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފުވުމުން ވެސް ރިޔާސަތުން މެންބަރުގެ ނަން އިއްވާ ބޭރުކޮށް، މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާފައެއް ނުވެއެވެ.

ބައެއް މެންބަރުން ވަނީ މިއީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން މަޖިލިސް ކުރިއަށް ނުގެންދިއުމަށް މެންބަރު އާޒިމް އާއި އިދިކޮޅު މެންބަރުން ލައްވާ ކުރުވަމުން ދިޔަ ކަމެއް ކަމަށް ވިދާޅުވަމުންނެވެ. އަދި ރިޔާސަތުގައި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނަވައިގެން ގެންދެވީ އެކަމަށް މަގުފަހިކޮށްދެއްވަމުން ކަމަށް މެންބަރުން ވިދާޅުވިއެވެ.

އިދިކޮޅު މެންބަރުންނާއެކު ރިޔާސަތު މޭޒު ކައިރިއަށް ވަޑައިގެން އާޒިމް ހަޅޭލައްވަމުން ގެންދެވީ ޖަލްސާ "ކުރިއަށް ނުގެންދެވޭނެ" ކަމަށް ވިދާޅުވަމުންނެވެ. ޖަލްސާގެ ނިޒާމް ގެއްލިގެން ދިއުމާއި ގުޅިގެން މެންބަރުންގެ ނަން އިއްވާ މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް ބައެއް މެންބަރުން އެދުމުންވެސް ރިޔާސަތުން އާޒިމް ބޭނުން ކަމެއް ކުރައްވަން ފުރުސަތު ދެއްވައިގެން އިންނެވީއެވެ.

ފަހުން އާޒިމް ވަޑައިގެންނެވީ މެންބަރުންނާއި ހުތުރު ބަހުރުވައިން ޒުވާބުކޮށް އަވަގުރާނަ ގޮވަމުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި މިހާރު ވަނީ ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު