އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲގެ އަމިއްލަ މަސްލަހަތާ ޖެހުނީމާ ކީހާޅެން ފަރިއްސައްވެއްޖެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

54 މެންބަރުން ސޮއިކުރައްވާ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ، އެޖެންޑާ ވެސް ކުރިއެވެ. ނަމަވެސް އީވާގެ މައްސަލަ އެޖެންޑާ ކުރުމުން، ޒިންމާތަކުން މަޖިލީހުގެ ރައީސް ފެއަށް ޖެހިވަޑައިގެންނަވާ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހެއްދެވުމުން އެ ޖަލްސާ ކުރިއަށް ނުގެންދެވުނެވެ.

މިކަންކަމަށް އިޝާރަތް ކުރަށްވައި މެންބަރު ޝަރީފް ވިދާޅުވީ އީވާމެން ޕާޓީ ބަދަލުކުރެއްވިޔަސް ވިކުނު ކަމަކަށް ނުވާ ކަމަށެވެ. އަދި އީވާ މަޖިލީހަށް ހޮވުނީ އެމްޑީޕީ ޓިކެޓެއްގައި ވިޔަސް އެއީ މިހާރު މައްސަލައަކަށް ނުވާކަމަށް ޝަރީފު ވިދާޅުވިއެވެ. އެކަމަކު އެބޭފުޅުން ކުރިން ވިދާޅުވީ އެހެން ލަވައެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

"ތިމާމެންގެ އަމިއްލަ މަސްލަހަތާ ޖެހުނީމާ ކީހާ ޅެން ފަރިއްސައްވެ ނިމިއްޖެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އީވާމެން އިމްތިޔާޒުމެން (އިމްތިޔާޒު ފަހުމީ) އެހެން މީހަކު ޕާޓީ ބަދަލުކޮށްފިއްޔާ އެމީހަކާ ދިމާލަށް ވަގަށް ގޮވައި އިސްތިއުފާއަށް ވެސް ގޮވާ ކަމަށެވެ. ޝަރީފު ވަނީ މިހާރު އެކަންތައް ކޮބައިތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ މައްސަލައިގައި ރައީސް ނަޝީދަށް ތާއިދުކުރައްވާ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެވެ. މި 12 މެންބަރުންނަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިފައިވާ މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު