ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ ޓެކްސް ކަނޑާލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖޭގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނަށް ފަހު ނެރެފައިވާ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.



މިއަދު ބޭއްވި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަނުން ވަނީ ރާއްޖެއިން 2022ވަނަ އަހަރު އޮގަނައިޒޭޝަން އޮފް އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް)އާ ގުޅުމުން އެކަމަށް މަރުހަބާ ކިޔައި އީ.ޔޫ އާއި އޯ.އޭ.ސީ.ޕީ.އެސްއާ ދެމެދު ދާދިފަހުން ސޮއިކުރެވުނު އައު އެއްބަސްވުމުގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔާފައެވެ. އަދި ރާއްޖެއިން މިއެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން އޯ.އޭ.ސީ.ޕީ.އެސްގެ އީސްޓާން އެންޑް ސަދާން އެފްރިކަން ގްރޫޕާއެކު އީ.ޔޫއިން ހަދާފައިވާ އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓުގައި ރާއްޖެއިން ބައިވެރިވުމަށް މަގުފަހިވެގެންދާނެކަންވެސް ރާއްޖެއާއި އީ.ޔޫއިން ވަނީ ފާހަގަކޮށްފައެވެ.



މިއެގްރިމަންޓުގައި ރާއްޖެއިން ބައިވެރިވުމާއެކު، ރާއްޖޭގެ މަހުގެ އުފެއްދުންތައް އިތުރު ޓެކްސްއެއް ނެގުމަކާ ނުލައި އީ.ޔޫގެ ބާޒާރަށް އެތެރެކުރެވޭނެއެވެ. ރާއްޖެއިން މިއެގްރީމަންޓުގައި ބައިވެރިވުމާ ގުޅޭގޮތުން ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރިއަށް އޮތް މަސްތަކުގައި ކުރެވިގެންދާނެކަމަށްވެސް ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ފާހަގަކޮށްފައިވެއެވެ.

އީ.ޔޫއަށް އެތެރެކުރާ ދިވެހި މަހުގެ އުފެއްދުންތަކުން މިހާރު އަންނަނީ 24%ގެ ޓެކްސްއެއް ނަގަމުންނެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖެއަށް ވާދަވެރިކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ކުޑަވެ، ދިވެހި މަހުގެ އުފެއްދުންތަކަށް ހެޔޮ އަގެއް ލިބުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު