މާލެ ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް މީހަކު ހުރިތޯ ބެލުމަށް އާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން އެހީތެރިކަން ހޯދަން އެދިިފައިވަނީ ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލާ ހިސާބުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓަކީ 2023 ޖޫން 7 ވަނަ ދުވަހުގެ 14:54 އެހާކަންހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ހަތަރު ލޭން ސަރަހައްދު ނުވަތަ ސީޕްލޭން ޓާމިނަލާ ހިސާބުގައި ކާރެއް ހުއްޓިފައި އޮތް ވަގުތު އެކާރު ފަހަތުން އޯވަރޓޭކް ކުރި ވޭނެއްގައި، ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއްކަމަށެވެ.

މި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިން 19 އަހަރުގެ އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންކަމުން ފުލުހުން ބުނެއެވެ.

ހައިވޭގައި ހިނގިމި އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް ފަރާތެއް ވާނަމަ ނުވަތަ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު