ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ޤަވާއިދަށް އިސްލާހު ހުށަހަޅައިފިއެވެ.

މަޖިލީހުގެ ގަވާއިދަށް އެމްޑީޕީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ ބޭފުޅަކު ކަނޑައެޅުމުގެ ބާރު މަޖިލީހުގެ އަމީން އާންމަށް ދިނުން ހިމެނެއެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރަކާ މެދު ބަހުސް ކުރާ ޖަލްސާގައި މެންބަރުންނަށް ވާހަކަ ދައްކާނޭ ވަގުތު ކަނޑައެޅުމުގެ ބާރު ވެސް އަމީން އާންމަށް ދިނުމަށް އެމްޑީޕީން ހުށަހެޅި އިސްލާހުގައިވެއެވެ.

މި އިސްލާހުތައް މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ވިދާޅުވީ މި އިސްލާހުތައް މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހެޅީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތްއޮތުން ނިމުމަކަށް ގެނެސް، މަޖިލީހުގެ މަސައްކަތްތައް އަލުން ފެށޭނެ ގޮތެއް ހެދުމަށްކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް މި އިސްލާހުތައް ހުށަހަޅާފައިވާއިރު މާދަމާ އޮންނަ ޖަލްސާއަށް ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލަވެސް ވަނީ އެޖެންޑާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު