ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު ނެތަސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، ނަޝީދަށް ދަންނަވައިފިއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވާކަމަށް ވިދާޅުވެ ނަޝީދު މިއަދު ވަނީ މަޖިލީހުގެ އަމީން އާންމަށް ސިޓީއެއް ފޮނުއްވާފައެވެ. މިކަމާއި ގުޅިގެން ޖަލްސާ ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ވިދާޅުވެ ނިއުޝާ ވަނީ ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.

މި ސިޓީގައި ނިއުޝާ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު ވަކިކުރުމަށް މަޖިލީހުގެ 54 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ޤަރާރު މަޖިލީހަށް ހުށަހެޅި، އެއާމެދު ގޮތެއް ނުނިމެނީސް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަން ނަޝީދު އަންގަވާފައިވީ ނަމަވެސް މަޖިލީހުގެ ނައިބްރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 250 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

އަދި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ މަޝަވްރާގެ އަލީގައި، އެގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނަ އެއްގޮތަކީ، އެ ގަރާރު ހުށަހެޅޭ ޖަލްސާގައި ވާހަކަ ދައްކާނެ މެންބަރުންގެ އަދަދާއި، ފުރުސަތުގެ އަދަދާއި ފުރުސަތުގެ ދިގުމިން އާންމު ކޮމިޓީން ކަނޑައެޅުން އަވަސް ކުރުމަށްޓަކައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އެ މައްސަލަ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްދެއްވުމެވެ.

އަދި މަޖިލީހުގެ ނައިބްރައީސް މަގާމުން ވަކިކުކުރުމުގެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު، މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައެޅިގެން އެހެން ފަރާތަކާއި ހަވާލުކުރެއްވުމެވެ.

ޅ

ނުވަތަ މި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ދެވަނަ ގޮތަކީ، އެ ގަރާރު ހުށަހެޅުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ރައިސް ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލުކުރައްވާ، އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގައި ބުނާ ބަހުސްގެ ވަގުތުތަކާއި އަދަދުތައް މަޖިލީހުން ކަނޑައަޅައި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.

ތިންވަނަ ގޮތަކީ އެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ގަރާރުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ އާންމު ޖަލްސާއަކަށް އެކަން މަޖިލީހުގެ ރައީސް އެޖެންޑާ ކޮށްދެއްވުމަށެވެ.

މި ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު 8 ޖޫނަށް ހަމަވުމާއެކު، އެ ތާރީހުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބޭއްވޭ ޖަލްސާއަކަށް ހުށަހެޅެންވާނެ ގަރާރަކަށް ވެފައި، މަޖިލީހުގެ ޖަލްސާތަކުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، އަމީން އާންމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެއް ކަމަށެވެ.

11 ޖޫންގައި ނަޝީދު ފޮނުއްވި ސިޓީފުޅުގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުން އެއްކިބާވެވަޑައިގެނެވި ނަމަވެސް، މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މިންވަރުގައި، މަޖިލީހުގެ އެންމެހައި ކަންކަން ހިންގެވުމުގައި ދެމިހުންނަވާނެ ކަމަށާއި، މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ހިނގަމުންދާއިރު، އަމީންއާންމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ކުޑަކޮށް ވެސް ހުރަސްއެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ނަޝީދު ވަނީ ދެއްވާފައެވެ.

އަދި މަޖިލީހަށް މިހާރު ލިބިފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމްގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުމަށް އަމީންއާންމު އެދިވަޑައިގެންފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު