މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަގާމުގައި ބަގުޑި ބައްދައިގެން މަޖިލިސް ހައިޖެކުކޮށްފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވީ، މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމުން، ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީއެއް ފޮނުއްވައި، މިއަދުގެ ޖަލްސާގެ ރިޔާސަތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފިއްލަވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

ރޮޒައިނާ ވިދާޅުވީ، އިތުބާރު ނެތް ރައީސަކާއި ނައިބްރައީސެއް މަގާމުގައި ބަގުޑި ބައްދައިގެން މަޖިލިސް ހައިޖެކްކޮށްފި ކަމަށެވެ. އިސްތިއުފާ ދެއްވާން ކެރިވަޑައި ނުގަންނަވާތާގައި ރިޔާސަތަށް އަރަން ވެސް އުޒުރުވެރިވާ ކަމަށެވެ.

"މުސާރަ ނަގާކަށް، އިނާޔަތްތައް ބޭނުން ކުރާކަށް އުޒުރުވެރި ނުވޭ،" ރޮޒައިނާ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާ ކުރުމައެކު ރިޔާސަތުގައި އިންނަވަން އުޒުރުވެރިވާކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާއިރު، ނަޝީދު ވަނީ މަޖިލީހަށް ވަޑައިގެން އެހެނިހެން ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫއްޕުން ވަނީ 50 މެންބަރުންގެ ސޮއާއެކު މަޖިލީހުގެ ނައިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 މެންބަރުންގެ ސޮއާއެކު އެމްޑީޕީން ވަނީ ވައްދާފައެވެ. ދެބޭފުޅުން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް އަދި ދުރުވެވަޑައިގަތުމަށް ވެސް ދެކޮޅު ހައްދަވާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު، ޖަލްސާތައް ކުރިއަށް ގެންދިއުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ނައިބް ރައީސް އީވާ ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިޔަސް އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު