ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބާއްވާ ކޮޓަރިތައް މީގެކުރިން ދުވަހަކުވެސް ތަޅުލާފައި ނުވާ ކަމަށާއި، ކޮމިޓީ ނެތިއްޔާ ލިޔެކިޔުން ހުންނަނީ ސެކްރެޓޭރިއޭޓްގެ ބެލުމުގައި ދަށުގައި ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ނާޝިޒް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށްނުދާ ހުރިހާ ވަގުތުތަކެއްގައިވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމުގައި ބުނެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

މެންބަރު ނާޝިޒް ވިދާޅުވީ މަޖިލީހުގެ އިދާރާއިން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ދުވަހަކުވެސް ކޮމިޓީ ބާއްވާ ކޮޓަރިތައް މީގެ ކުރިން ތަޅުލާފައި ނުހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޓީ ބާއްވާ ކޮޓަރިތަކުގައި އެއްވެސް އިރެއްގައި ކޮމިޓީ ހިނގާ ވަގުތު ފިޔަވައި ލިޔެކިޔުން ނުހުންނާނެ ކަމަށް ނާޝިޒު ވިދާޅުވިއެވެ. އަދި ލިޔެކިޔުންތައް ހުންނާނީ ކޮމިޓީގެ ސެކްރެޓޭރިއެޓްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ނާޝިޒް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލެވި ކޮމިޓީތަކުގެ މަސައްކަތް ނުކުރެވޭތާ އެތައް ދުވަހެއްވެފައިވާ އިރު، ކޮމިޓީތައް ބާއްވަފާނެތީ މަޖިލީހުގެ އިދާރާއިން ވަނީ ކޮމިޓީ ބާއްވާ ކޮޓަރިތަކުގައި ތަޅުލާފައެވެ. ރައްޔިތުންގެ މަޖިލީޙުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީޙުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތަށް ދެވެން އޮތް ހުރިހާ ދުލެއް ދެއްވިކަމަށާއި، އެކަންނުވެ އޮތީ ރިޔާސަަތުން އެކަމަށް އެއްބާރުލުން ނުދެއްވާތީކަމަށެވެ.

ކޮމިޓީތައް ހުއްޓިފައި އޮތް މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނީ ކޮމެޓީތައް އެކުލަވާލައި، ކޮމިޓީތަކުގައި ހުރި މުހިންމު މަސައްކަތްތައް ފެށުމަށްޓަކައި އެމްޑީޕީން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދީފައިވާކަމަށެވެ. އެގޮތުން އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން އެދުނު ގޮތަށް ކޮމެޓީތައް އެކުލަވާލަން ދެވެންހުރި ހުރިހާ ދުލެއް ދެއްވާފައިވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު