ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާއި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ތަޅުއެޅުވުމުގެ ތަފާތަކީ ކޮބައިތޯއޭ ވިދާޅުވެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ސުވާލު ކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށައެޅުމާއެކު ކޮމެޓީތައް އެކުލަވާލުމުގައި ޚިޔާލު ތަފާތުވުންތައް ބޮޑުވެ މަޖިލީހުގެ މަސައްކަތް ވަނީ މުޅިން ހުއްޓިފައެވެ. މަޖިލީހުގެ އިދާރާ އިން މިއަދު ވަނީ ކޮމެޓީތަކުގެ ކޮޓަރިތައް ވެސް ތަޅުލާފައެވެ. އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވަނީ ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ މަޖިލިސް އިދާރާ ތަޅުއެޅުވުމާއި ހުރި ތަފާތަކީ ކޮބައިތޯ ސުވާލު ކުރަށްވާފައެވެ.



ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގާފައިވަނީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން އެ ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހުއެވެ. އެގޮތުން ސިފައިން ފޮނުވައިގެން ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ޔާމިންގެ ސަރުކާރުން ވަނީ އޭރުގެ އުއްތަމަ ފަނޑިޔާރާއެކު އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްފައެވެ.

އެ ހަނދާންތައް އާކުރަށްވަމުން ނިހާދު ވިދާޅުވީ ހަގީގަތުގައި މިއަދު ކަންކަން ކުރަމުންދަނީ އެއަށްވުރެ ހަޑިހުތުރުކޮށް ކަމަށެވެ. އަމިއްލަ އެދުމަށް ގައުމު ފުނޑާލުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ނިހާދު ވިދާޅުވިއެވެ

"ބަސް ނުބުނެ ކެތްކުރެވިއްޖެ، ދެން ނުވާނެ،" ނިހާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު