ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އަރިހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޒިޔާރަތްކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ވޯލްޑޯރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

މަޖިލީހުގެ ރައީސާއި ސޭޝެލްސްގެ ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.



މި ޒިޔާރަތުގައި މަޖިލިސް ރައީސް އަރިހުގައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފިލްޒާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސޭޝެލްސް ރައީސް އަރިހުގައި އެމަނިކުފާނުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސޭޝެލްސްގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް އިއްޔެއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިހާތަނަށް އައިއިރު ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވަނީ މުހިއްމު މަޝްވަރާތަކެއްކޮށް، 4 ދާއިރާއަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުންތައް އެކުލަވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު