ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައިވަނީ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ހަމަނުޖެއްސިގެން ނޫން ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މިއަދު ކައުންސެލް ޖެނެރަލާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި، އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުން، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައިވަނީ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ހަމަނުޖެއްސިގެން ނޫންކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އަލީ ނިޔާޒް ވިދާޅުވީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ކޮމިޓީތަކުގައި އެމްޑީޕީއަށް ލިބެންވާ މިންވަރާމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލް، ކޮމިޓީތައް އެކުލެވިގެންވާ ގޮތް އެކުލަވާލުމުގެ މައްސަލައަށް ވޯޓަށް އެހުމަށް މަޖިލީހުގައި އެޖެންޑާކުރުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންނެވި ކަމަށާއި، ރިޔާސަތުން އެކަން ނުކުރެއްވީ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"ޖަލްސާގައި އެންމެ ފުރަަތަމަ ކަމެއްގެ ގޮތުގައި އެކަން ކުރެވެންވާނެކަމަށް ކައުންސެލް ޖެނެރަލް ގަބޫލުކުރައްވާ. އަދި އެ މައްސަލަ އެންމެ ފުރަތަމަ ކަމަކަށް، ޖަލްސާއަށް އެޖެންޑާކުރުމަށް މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލް، މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައިވޭ،" އަލީ ނިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވުމުގެ ސަބަބުން މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއެކު މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމެއެވެ. އެކަމާގުޅިގެން ކޮމިޓީތައް ހުއްޓިފައިވާއިރު ރިޔާސަތުން ކޮމިޓީތައް އެކުލަވާލުމަށް މަސައްކަތް ނުކޮށް، މިހާރު އޮތް މަޖިލީހުގެ ރައީސާއި ނައިިބްރައީސްގެ މައްސަލަ އެޖެންޑާ ނުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީ ޕީޖީން އަންނަނީ ބުނަމުންނެވެ.

ނަމަވެސް އިދިކޮޅުން ބުނާ ގޮތުގައި ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަވަސް ކުރަން އެމްޑީޕީ މެންބަރުންނާއެކު ބޭއްވި އެއްވެސް ބައްދަލުވުމެއްގައި އެ މެންބަރުން ތިއްބެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. ކޮމިޓީތައް އެކުލަވާލައި ނިމިފައި ނުވި ނަމަވެސް އީވާގެ މައްސަލަ މިހާރު ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު