ލ. ފޮނަދޫ ކައުންސިލުން ކުއްޔަށް ދީފައިވާ ބިމެއް ގަވާއިދާ ހިލާފަށް އަތުލުމުން އެމީހާއަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ކައުންސިލުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ބިޑުގެ އުސޫލުން އަމިއްލަ ފަރާތަކުން އެބިން ކުއްޔަށް ނަގާފައި ވަނީ ރެސްޓޯރެންޓް ހިންގުމުގެ މަސައްކަތް ކުރުމަށެވެ.

މިމައްސަލައިގައި ފޮނަދޫ ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އެބިން އެމީހާގެ އަތުން ކައުންސިލުން އަތުލާފައިވަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އެމީހާއަށް އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލަކީ ފޮނަދޫ ކައުންސިލުން ޒިންމާވާން ޖެހޭނެ ކަމެއް ކަމަށެވެ.

މުހައްމަދު ހަސަން ނަމަކަށް ކިޔާ އެމީހާ ފޮނަދޫ ކައުންސިލާއި ދެކޮޅަށް ހުށަހެޅި މައްސަލާގައި އެމީހާއަށް ފަސް ލައްކަ ރުފިޔާއަށްވުރެ ބޮޑު ބަދަލެއް ދިނުމަށް ކޯޓުން ވަނީ ކައުންސިލްގެ މައްޗައް އަމުރު ކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮނަދޫ ކައުންސިލުން މިބިން އެމީހާގެ އަތުން އަތުލައިފައި ވަނީ ތަނުގެ އިމާރާތްތައް ނިންމައި ހިދުމަތް ދޭން ތައްޔާރު ވަމުންދަނި ކޮށެވެ.

ނަމަވެސް ފޮނަދޫ ކޯޓުގެ ހުކުމުގައިވާ ފައިސާ ދިނުމުގެ ބަދަލުގައި އެކައުންސިލުން ވަނީ އެމައްސަލަ އިސްތިއުނާފަށް ހުށަހަޅާފަ އެވެ.

މީގެއިތުރުން އެރަށުގައި ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމް ކުރުމުގެ ހުއްދަ ނުދިން މައްސަލަ ވެސް މިހާރު ދަނީ އެންޓި ކޮރޮޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން ނެވެ.

ފޮނަދޫ ކައުންސިލަކީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ކައުންސިލެކެވެ.



ކިޔުންތެރިންގެ ހިޔާލު