ތިމާވެށި ސާފުކޮށް ރައްކާތެރިކުރުމުގެ މަގްސަދުގައި އަރބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތައާރަފްކޮށްފިއެވެ.

މި ޗެލެންޗު ތައާރަފްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އަރބަންކޯއިން ހުޅުމާލޭގައި ބޭއްވި ސާފު ހުޅުމާލެ މެގާ ކްލީންއަޕް އިވެންޓުގައެވެ.

އަރބަންކޯއިން ތައާރަފްކުރި މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީންއަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރުމަށް ކަނޑައަޅާފައިވެއެވެ. އެގޮތުން އަރބަންކޯއިން ހޮނިހިރު ދުވަހު ބޭއްވި ސާފު ކުރުމުގެ އިވެންޓަށް ފަހު ޗެލެންޖުކޮށްފައިވަނީ ސްޓެލްކޯއަށެވެ.

މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަށަންދަތި އަރުވަން ޖެހެއެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ސާފުކުރުމުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވަނީ ރަމްޒީ މަށަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައެވެ.

އަރބަންކޯއިން ބުނީ މި ޗެލެންޖުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ސާފުކުރުމަށް އަރބަންކޯއިން ކުރިއަށްގެންދިޔަ ހަރަކާތް، ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެއަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ބޮޑު ހަރަކާތަކަށް ހެދުންކަމަށެވެ. އަދި ދުނިޔޭގެ ދިމާވެށި ރައްކާތެރިކޮށް ސާފުތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުމަކީވެސް މި ޗެލެންޖްގެ އެއް މަގުސަދެވެ.



ކިޔުންތެރިންގެ ހިޔާލު